ސައުދީ ރަސްގެފާނުގެ ދަރިކަނބަލުން ހައްޔަރު ކުރަން ފްރާންސުން އަމުރު ނެރެފި

ޕެރިސް (މާޗް 16) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒުގެ ދަރިކަނބަލުން ހައްސާ ބިންތު ސަލްމާން ހައްޔަރު ކުރުމުގެ އަމުރެއް ފްރާންސްގެ ފަނޑިޔާރަކު ނެރެފި އެވެ.


ޕްރިންސަސް ހައްސާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޕެރިހުގެ އެވެނިއު ފޮޝްގައި ހުރި އެކަމަނާގެ އެޕާޓްމަންޓުގެ އިންޓީރިއާ ހަދަން ގެންދިޔަ މީހަކަށް ބޮޑީގާޑް ލައްވާ އަނިޔާ ކުރުމުގެ ކުށެވެ. އަނިޔާ ލިބުނު މަސައްކަތްތެރިޔާ ބުނެފައި ވަނީ އެޕާޓްމަންޓުގެ ޑިޒައިން ހަދާނެ ގޮތް ބެލުމަށް އެތަނުގެ އެތެރޭގެ ފޮޓޯއެއް ނެގި ތަނުން ހައްސާ ވަނީ އޭނާ އަށް އަނިޔާ ކުރުމަށް ބޮޑީގާޑަށް އަންގައިފަ އެވެ. ބޮޑީގާޑު ވަނީ މަސައްކަތު މީހާ ބަނދެ އޭނާގެ މޫނުމަތީގައި ޖަހާ ވައްޓާލައިފަ އެވެ. އަދި ބިރުދައްކައިގެން އޭނާ ލައްވާ ވަނީ ހައްސާގެ ދަށްފައިގައި ބޮސްދީފަ އެވެ.

ޕެރިހުގައި ހުންނަ ހައްސާގެ އެޕާޓްމަންޓުގެ މަރާމާތަށް ގެންދިޔަ މީހާ އަށް ވަނީ އަނިޔާކޮށްފައި. --ފޮޓޯ:އޭއެފްޕީ

ދެހާސް ސޯޅަ ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ބޮޑީގާޑުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މަސައްކަތު މީހާ ބުނީ އޭނާ އަށް އެޕާޓްމަންޓުން ސަލާމަތްވެވުނީ އެތައް ގަޑިއިރެއް ފަހުން ކަމަށެވެ. ސަލާމަތްވީ ނަމަވެސް މަސައްކަތް ކުރަން ގެންދިޔަ ހުރިހާ ސާމާނެއް އަތުލި ކަމަށް ބުންޏެވެ. އެޕާޓްމަންޓުގެ ފޮޓޯ ނެގުމުން ހައްސާ ކޯފާވީ އެ ފޮޓޯތައް އޭނާ ވިއްކައިފާނެތީ ކަމަށްވެ އެވެ.

މި ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް ހައްސާ ވަނީ ފްރާންސުން ފުރާވަޑައިގެންފަ އެވެ. އުމުރުން 44 އަހަރުގެ ހައްސާ އަކީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދައްތަ އެވެ.