ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ކޮލަމްބޯ (މާޗް 18) - ސްރީ ލަންކާގައި ދީނީ ހަމަނުޖެހުންތައް ބޮޑުވުމުން މި މަހު 6 ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ރޭ މެންދަމުން ފެށިގެން އުވާލައިފި އެވެ.


"ގައުމުގެ ހާލަތު ވަޒަން ކުރުމަށް ފަހު ރޭ 12 އިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އަޅުގަނޑު ވާނީ އަމުރުކޮށްފައި،" ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން ލަންކާ ސަރުކާރުން ވެސް ރޭ ވަނީ ގެޒެޓްކޮށްފަ އެވެ. ޖަޕާނަށް ކުރެއްވި ހަ ދުވަހުގެ ދަތުރުފުޅަކަށް ފަހު ސިރިސޭނާ ގައުމަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ.

ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މުސްލިމުންނަށް އަމާޒުކޮށް ބުޑިސްޓުންގެ ހަރުކަށި ފަރާތްތަކުން ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. ލަންކާގެ ހަމަނުޖެހުންތަކުގައި ވަނީ މުސްލިމުންގެ ފިހާރަތަކާއި ގެދޮރަށް އަދި މިސްކިތްތަކަށް ގެއްލުންދީފަ އެވެ. ދެ މީހުން ވަނީ މަރުވެފަ އެވެ.

ލަންކާގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ކެންޑީ ހިމެނޭ ސަރަހައްދަށް ވަނީ ސިފައިންނާއި ފުލުހުންގެ އިތުރު ޓީމުތައް ފޮނުވައިފަ އެވެ. ގެއްލުން ލިބުނު ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ސިފައިން މިހާރު ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ލަންކާ ސަރުކާރުން ވެސް ވަނީ ގެއްލުމުގެ ބަދަލު ދޭން ނިންމައިފަ އެވެ.