ރަނިލްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ

ކޮލަމްބޯ (މާޗް 18) - ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ހަފުތާގައި ޖޮއިންޓް އޮޕޮޒިޝަންގެ ފަރާތުން ޕާލަމެންޓަށް ހުށަހަޅާނެ ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.


ޖޮއިންޓް އޮޕޮޒިޝަން ބުނީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭ ރަނިލްގެ ބެލުމުގެ ދަށުން ހިންގި ލަންކާގެ އިގްތިސާދު ބޮއްސުން ލާފައިވާ ކަމަށެވެ. އެ ގޮތުން 16 ކަމެއް އޭނާގެ މައްޗަށް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭން 12 ކަމެއް ގުޅިފައި ވަނީ ސެންޓްރަލް ބޭންކުން ބޮންޑު ވިއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނާ އެވެ. ރާޖަޕަކްސާ ވިދާޅުވީ ރަނިލް އިތުބާރު ނެތްކަމުގެ މައްސަލާގައި ޖޮއިންޓް އޮޕޮޒިޝަންގެ ހުރިހާ މެންބަރުން ސޮއިކޮށްފައިވާ ކަމަށެވެ. އަދި ރަނިލްގެ ޔޫއެންޕީގެ މެންބަރުން ވެސް އެ މައްސަލާގައި ސޮއި ކުރައްވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުގެ ކުރިން ރަނިލް އިސްތިއުފާ ދޭނެހެން،" ރާޖަޕަކްސާ ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލާގައި ސްޓޭޓް މިނިސްޓަރު އޮފް ލޭންޑް ޓީބީ އެކަނަޔަކަ ވަނީ ސޮއިކުރައްވައިފަ އެވެ. ޔޫއެންޕީގެ ޕާލަމެންޓް މެންބަރު ހިޝާން ވިތަނަގެ ވިދާޅުވީ ސްރީ ލަންކާ ފްރީޑަމް ޕާޓީގެ ބައެއް މިނިސްޓަރުން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ކަމަށެވެ.

ޔޫއެންޕީން ބުނެފައި ވަނީ ޖޮއިންޓް އޮޕޮޒިޝަނުން ކުރަން އުޅެނީ ބޭކާރު ކަމެއް ކަމަށާއި އެ ވޯޓު ފެއިލްކޮށްލާނެ ކަމަށެވެ.