ސޫކީ "ބަލިވެގެން" ކަމަށް ބުނެ އިވެންޓަކުން ފިއްލަވައިފި

ސިޑްނީ (މާޗް 19) - މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އޮސްޓްރޭލިއާ އަށް މިހާރު ކުރައްވާ ދަތުރުގައި މާދަމާ ދެއްވަން އޮތް އާއްމު ތަގްރީރަކާއި ސުވާލާއި ޖަވާބު ސެޝަނެއް "ބަލިވެގެން" ކަމަށް ވިދާޅުވެ ކެންސަލް ކުރައްވައިފި އެވެ.


ސޫކީ އޮސްޓްރޭލިއާ އަށް ވަޑައިގެންނެވީ އާސިއަން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. ސަމިޓުގެ ތެރޭގައި ވެސް އޭނާ އަށް ވަނީ ފާޑުކިޔުންތަކާ ކުރިމަތިލައްވަން ޖެހިފަ އެވެ. މިއަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިދިޔަ އަހަރުގެ ފަހުކޮޅު އެ ގައުމުގެ ސިފައިން ހިންގި ޖަރީމާތަކާ ގުޅިގެން ސޫކީ ހިމޭނުން ހުންނެވުމުން އޭނާ އަށް ވަނީ ދުނިޔޭގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފަ އެވެ.

އޮސްޓްރޭލިއާ އަށް ސޫކީ ކުރެއްވި ދަތުރާ ދިމާކޮށް އެ ގައުމުގެ ގާނޫނީ ވަކީލުންތަކެއް ވަނީ ސޫކީއާ ދެކޮޅަށް ދައުވާ ކުރަން ވެސް ހުށަހަޅައިފަ އެވެ.

ސޫކީ މިއަދު ވަނީ ބޮޑު ވަޒީރު މެލްކޮމް ޓާންބުލްއާ ބައްދަލު ކުރެއްވުމަށް ކެމްބަރާ އަށް ވަޑައިގެންފަ އެވެ. އަދި ލޯވީ އިންސްޓިޓިއުޓުން މާދަމާ ބާއްވާ އިވެންޓެއްގައި އާއްމު ތަގްރީރެއް ދެއްވާ އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ ސޫކީގެ އޮސްޓްރޭލިއާ ދަތުރުގައި އާއްމުންނާ އެކު ބާއްވަން ރޭވި ހަމައެކަނި އިވެންޓެވެ. ނަމަވެސް އެ އިވެންޓް އިންތިޒާމް ކުރި ފަރާތުން ބުނެފައި ވަނީ ސޫކީގެ ހާލަތު ހުރި ގޮތުން ބުނެ އެ ބައްދަލުވުމަށް ވަޑައިނުގެންނެވޭނެ ކަމަށް މިއަންމާ އެމްބަސީން އަންގާފައިވާ ކަމަށެވެ.