ކޮލަމްބޯގެ ފުރަތަމަ އަންހެން މޭޔަރު މަގާމާ ހަވާލުވެއްޖެ

ކޮލަމްބޯ (މާޗް 20) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ފުރަތަމަ އަންހެން މޭޔަރު މަގާމާ ހަވާލުވެވަޑައިގެންފި އެވެ.


ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ފަރާތުން ވާދަކޮށް ކޮލަމްބޯ މުނިސިޕަލް ކައުންސިލް އަށް ހޮވިވަޑައިގެންނެވި ކުރީގެ ރީތީގެ ރާނީ، މޭޔަރުކަމުގެ މަގާމުގެ ހުވާ ޓެމްޕަލް ޓްރީސްގައި އިއްޔެ ކުރެއްވީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ހާޒިރުގަ އެވެ. ޑެޕިއުޓީ މޭޔަރަކަށް ހަމަޖެއްސީ މުހައްމަދު އިގްބާލެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޔޫއެންޕީގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮލަމްބޯ މުނިސިޕަލް ކައުންސިލްގެ މެންބަރުންނާ މުޚާތަބް ކުރައްވާ ރަނިލް ވިދާޅުވީ ކޮލަމްބޯ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ފައިސާ ހޯދުމާއި ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލު ކުރުމަކީ މެންބަރުންގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ. ކޮލަމްބޯ އަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޑެންޑީ ފެތުރުމާއި ކުނި ނައްތާލުން ހިމެނެ އެވެ.

ކޮލަމްބޯ މުނިސިޕަލް ކައުންސިލް ކާމިޔާބުކޮށްފައި ވަނީ ޔޫއެންޕީންނެވެ. އެކަމަކު ކައުންސިލް އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދާފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޕާޓީންނެވެ. އާ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ 25 ޕަސެންޓަކީ އަންހެނުންނަށް ވާންޖެހެ އެވެ.

ރޯޒީ ސެނަނަޔަކަ ކުރިން އަދާކުރެއްވީ ބޮޑު ވަޒީރު ރަނިލްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފުގެ މަގާމެވެ.