ރަނިލްގެ ބެލުމުގެ ދަށުގައި އޮތް ކެބިނެޓުގެ އިގްތިސާދީ ކޮމިޓީ އުވާލައިފި

ކޮލަމްބޯ (މާޗް 21) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ބެލުމުގެ ދަށުގައި އޮތް ކެބިނެޓް ކޮމިޓީ އޮން އިކޮނޮމިކް މެނޭޖްމަންޓް (ސީސީއީއެމް) ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު އުވާލައްވައިފި އެވެ.


ސީސީއީއެމް އުފެއްދެވީ ލަންކާގައި އިގްތިސާދީ ކަންކަން ކުރާ އިރު މިނިސްޓަރުންނަށް ލަފާ ދިނުމަށެވެ. އެކަމަކު ސީސީއީއެމް އިން ނިންމި ގިނަ ކަންކަން ފެއިލްވެފައިވާ ކަމަށް ލަންކާގެ ބައެއް މީޑިއާތަކުން ބުނެ އެވެ.

ނޭޝަނަލް އިކޮނޮމިކް ކައުންސިލް އުފެއްދުމަށް ފަހު ސިރިސޭނާ ކުރިން ވަނީ ސީސީއީއެމް އުވާލުމަށް ކެބިނެޓަށް ލަފާ ދެއްވައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ސިރިސޭނާ ވަނީ ލަންކާގެ އިގްތިސާދީ ހުރިހާ ކަންކަމެއް ރަނިލްގެ ބެއްލެވުމުގެ ދަށުން ނަންގަވާ އެކަންކަމާ އެމަނިކުފާން ހަވާލުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ރައްޔިތުންނަށް ދިމާވާ ކަންކަމަށް އަވަސް ހައްލު ހޯދުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ބޮޑު ނާކާމިޔާބީއެއް ލިބުމާ ގުޅިގެން ރަނިލް އާއި ސިރިސޭނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް ވުރެ ރަނިލްގެ ޔޫއެންޕީގެ ކޮރަޕްޝަން ބޮޑު ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.