ޗައިނާއާ ދެކޮޅަށް އެމެރިކާ އިން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ވޮޝިންޓަން (މާޗް 22) - އެމެރިކާގެ ވިޔަފާރި ކުންފުނިތަކުގެ ފިކުރީ މުދަލުން ވައްކަން ކުރަން ޗައިނާ އިން ހިތްވަރުދޭތީ އެ ގައުމާ ދެކޮޅަށް އެމެރިކާ އިން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފި އެވެ.


ވައިޓް ހައުސް އިން ބުނީ ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމީ މައްސަލަ ހައްލު ކުރަން އެތައް ވާހަކައެއް ދެއްކުމުން ވެސް އެދެވޭ ނަތީޖާއެއް ލިބިފައި ނުވާތީ ކަމަށެވެ. އެމެރިކާ އިން މިއަދު އިއުލާންކުރާ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާގެ މުދަލުގެ ޑިއުޓީ ބޮޑުކުރުން ހިމެނެ އެވެ. މީގެ އިތުރުން ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަށް އެމެރިކާ އިން މައްސަލަ ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ވިޔަފާރިއާ ބެހޭ ކަންކަމުގައި އެމެރިކާގެ ފަރާތުން މަޝްވަރާ ކުރުމުގައި އިސްކޮށް ހުންނަވާ ރޮބަޓް ލައިތިޒާ ކޮންގްރެސްގެ މެންބަރުންނަށް އިއްޔެ ވިދާޅުވެފައި ވަނީ އެމެރިކާ އިން ބަލަމުން ދަނީ ޗައިނާ އަށް ވީއެންމެ ބޮޑަކަށް ޕްރެޝަރު ދެވޭތޯ ކަމަށެވެ.

ޗައިނާ އިން ބުނެފައި ވަނީ ވިޔަފާރީގެ ހަނގުރާމައިގައި އެއްވެސް ބަޔަކަށް ކާމިޔާބު ނުވާނެ ކަމަށެވެ. ޗައިނާ ޕާލަމެންޓުގެ އަހަރީ ބައްދަލުވުން ނިންމާލުމުގެ ގޮތުން ބޭއްވި ސެޝަނުގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ލެ ކެގިއަން ވިދާޅުވީ ދެ ފަރާތުން ވެސް ދޫދިނުން މުހިންމު ކަމަށެވެ. އަދި ހައި-ޓެކް ސާމާނު ޗައިނާ އަށް އެކްްސްޕޯޓް ކުރުމުގައި އެމެރިކާ އިން ލުއިތަކެއް ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.