ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އިޒްރޭލުގެ ގައުމީ އެއާލައިނުން މަސައްކަތް ކުރަނީ

ތެލް އަވީވް (މާޗް 25) - އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ރިޔާޒުން ދިނުމާ އެކު އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ސައުދީ ވައިގެ ސަރަހައްދުގެ ތެރޭން ދަތުރުކޮށް އިޒްރޭލުގެ ތެލް އަވީވަށް ޖައްސައިފި އެވެ. އަދި މި ދަތުރާ އެކު އިޒްރޭލުގެ ގައުމީ އެއާލައިނުން ދަނީ ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް މަސައްކަތް ކުރަމުންނެވެ.


އިންޑިއާގެ ގައުމީ އެއާލައިނުން މިހާރު ވަނީ ނިއު ދިއްލީ އާއި ތެލް އަވީވްއާ ދެމެދު ހަފުތާއަކު ތިން ފްލައިޓް ބާއްވަން ނިންމައިފަ އެވެ. މިއީ އިޒްރޭލަށް ދަތުރުކުރާ ފްލައިޓްތަކަށް ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ 70 އަހަރު ތެރޭ ދިން ފުރަތަމަ ފަހަރެވެ. އެކަމަކު ޕްރައިވެޓް ޖެޓްތަކުން ވަނީ ސައުދީ އާއި އެނޫން ވެސް ގަލްފުގެ ގައުމުތަކުގެ ވައިގެ ސަރަހައްދުގެ ތެރޭން އިޒްރޭލަށް ދަތުރު ކޮށްފަ އެވެ.

އިޒްރޭލުގެ ގައުމީ އެއާލައިނުން ބުނީ ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އިޒްރޭލުގެ ޓްރާންސްޕޯޓް މިނިސްޓަރު ޔިޒްރޭލް ކާޒް ވެސް ވިދާޅުވީ އިޒްރޭލުގެ ގައުމީ އެއާލައިނުން ސައުދީގެ ވައިގެ ސަރަހައްދު ވަރަށް އަވަހަށް ބޭނުން ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުން ނިއު ދިއްލީން ތެލް އަވީވަށް ދަތުރުކުރާ ފްލައިޓްތަކުގެ ދަތުރުން ދެ ގަޑިއިރު އަވަސްވާނެ އެވެ.

ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ މެދުއިރުމަތީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ނުފޫޒުން ގެނައި ބަދަލެއް ކަމަށެވެ. މޯދީ މިދިޔަ އަހަރު ވަނީ ރަސްމީ ދަތުރެއްގައި އިޒްރޭލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރުގެ ލަގަބު ހޯއްދަވައިފަ އެވެ. ނަތަންޔާހޫ ވެސް ވަނީ ޖެނުއަރީ މަހު އިންޑިއާ އަށް ވަޑައިގެންފަ އެވެ.