އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަކިވެދާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި

ވޮޝިންޓަން (މާޗް 25) - އިޒްރޭލް ކުށްވެރިކޮށް ގަރާރުތައް ނެރެމުންދާތީ ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށާއި އެ ގޮތަށް ކަންތައް ކުރާ ނަމަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަކިވެދާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.


އެމެރިކާ ސަފީރު ނިއްކި ހޭލީ ވިދާޅުވީ އިޒްރޭލާ މެދު ކައުންސިލް ވަރަށް ބޮޑަށް ބޭއިންސާފު ކަމަށެވެ. މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ފަސް ގަރާރު ފާސްކުރި އިރު ނޯތު ކޮރެއާ، އީރާން އަދި ސީރިއާ އަށް އަމާޒުކޮށް ފާސްކޮށްފައި ވަނީ ތިން ގަރާރު ކަމަށެވެ.

"ނޯތު ކޮރެއާ، އީރާން އަދި ސީރިއާ އަށް ވުރެ ގޯސްކޮށް އިންސާނީ ހަައްގުތަކާ ބެހޭ ކައުންސިލުން ކަންތައް ކުރާ ނަމަ އެއީ ކައުންސިލުގެ ނަމަށް ވެސް ހުތުރެއް،" ހޭލީ ވިދާޅުވި އެވެ. "އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އަޑު އުފުލުމަށް ކައުންސިލުގެ އިތުބާރު މިއަދު ދަނީ ކުޑަވަމުން."

ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ހޭލީ ވަނީ 47 މެންބަރުން ހިމެނޭ ޖަމާއަތުން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު ތަކްރާރުކޮށް ދެމުންނެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވެދާނެކަމުގެ އިންޒާރު ދިން އިރު އެ ގައުމުން ވަނީ ޔުނެސްކޯ އިން ވަކިވެފަ އެވެ. އެއީ ވެސް އިޒްރޭލަށް ތަފާތުކުރާ ކަމަށް ބުނެ އެވެ.