ރަޝިޔާގެ 60 ޑިޕްލޮމެޓުން އެމެރިކާ އިން ފޮނުވާލަނީ

ވޮޝިންޓަން (މާޗް 26) - ރަޝިޔާގެ 60 ޑިޕްލޮމެޓުން އެމެރިކާ އިން ބޭރު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.


ރަޝިޔާގެ ގިނަ އަދަދެއްގެ ޑިޕްލޮމެޓުން އެމެރިކާ އިން ފޮނުވާލަނީ ކުރީގެ ޖާސޫސީ އެޖެންޓަކަށް އިނގިރޭސި ވިލާތުގައި ވިހައެއް ދިން މައްސަލައާ ގުޅިގެންނެވެ. އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ ރަޝިޔާ އިން ކަމަށެވެ.

އެމެރިކާގެ ސިއެޓްލަގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓް ބަންދު ކުރަން އަންގާފައިވާ ކަމަށް ވެސް ރޮއިޓާސް އިން ބުނެ އެވެ. އެމެރިކާގައި ހުންނަ ރަޝިޔާގެ އެމްބަސީގައި 48 ޑިޕްލޮމެޓުން މަސައްކަތް ކުރާ ކަމަށްވެ އެވެ. ބާކީ ތިބި ޑިޕްލޮމެޓުން މަސައްކަތް ކުރަނީ ނިއު ޔޯކުގައި ހުންނަ އދ. އޮފީހުގަ އެވެ.

ޖަރުމަނާއި ފްރާންސް އިން ވެސް ވަނީ ކޮންމެ ގައުމަކުން ވެސް ރަޝިޔާގެ ހަތަރު ޑިޕްލޮމެޓުން ފޮނުވާލާނެ ކަމަށް ބުނެފަ އެވެ. ޔޫރަޕުގެ އެހެން ބައެއް ގައުމުތަކުން ވެސް ދަނީ އެ ގޮތަށް ކަންތައް ކުރަމުންނެވެ. އިނގިރޭސި ވިލާތުން ވަނީ ރަޝިޔާގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.

ރަޝިޔާގެ ކުރީގެ ޖާސޫސް އާއި އޭނާގެ އަންހެން ދަރިފުޅަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ޔޫރަޕުގެ ވަރަށް ގިނަ ލީޑަރުން މިދިޔަ ހަފުތާގައި ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އެކަމުގައި އެއްވެސް ރޯލެއް ނުވާނެ ކަމަށް ރަޝިޔާ އިން ބުނެ އެވެ.