މިއަންމާގެ ރައީސް ކަމަށް ޕާލަމެންޓުގެ ރައީސް އިންތިޚާބުކޮށްފި

ނޭޕީޑޯ (މާޗް 28) - މިއަންމާގެ އާ ރައީސްގެ މަގާމަށް އެ ގައުމުގެ ޕާލަމެންޓުގެ ރައީސްގެ މަގާމުގައި ހުންނެވި ވިން މިއިންޓް މިއަދު އިންތިޚާބުކޮށްފި އެވެ.


މިއަންމާގެ ޕާލަމެންޓުން އިންތިޚާބުކުރި ވިން މިއިންޓަކީ އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ ގެންދަވަނީ ޕާލަމެންޓުގެ ރައީސްގެ މަގާމު 2012 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުންނެވެ.

މިއަންމާގެ ރައީސް އަކީ ރަމްޒީ ބޭފުޅެކެވެ. ގައުމު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރަނީ ސޫކީ އެވެ. މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި ހިޓިން ކިޔޯ އަކީ ވެސް ސޫކީގެ އެހާ ގާތް ބޭފުޅެކެވެ. ކިޔޯ އަކީ ޒުވާން ދުވަސްވަރުން ފެށިގެން ސޫކީގެ އެކުވެރިއެކެވެ. ފަހުން އޭނާގެ ޑްރައިވަރެވެ. އޭގެ ފަހުން އެޑްވައިޒަރެކެވެ. އޭނާ މަގާމުގައި ހުންނަވަނީ ނަމަކަށެވެ.

އެތައް އަހަރެއް ފަހުން މިއަންމާގައި މަދަނީ ސަރުކާރެއް ގާއިމްކުރި ނަމަވެސް އެ ގައުމުގައި އަދިވެސް ބާރު އޮތީ ސިފައިންނަށެވެ. އިއްޔެ ފާހަގަކުރި މިއަންމާ ސިފައިންގެ ދުވަހު، ސިފައިންގެ ކޮމާންޑަރު ވިދާޅުވެފައި ވަނީ ގައުމެއްގެ ހަޔާތުގައި ސިފައިންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

މިއަންމާގައި ހިންގި ދިގު އަސްކަރީ ވެރިކަމަށް ފަހު ބޭއްވި އިންތިޚާބުގައި ޑިމޮކްރެސީ އަށް މަސައްކަތް ކުރެއްވި ލީޑަރު ސޫކީގެ ޕާޓީން ހޯދި ބޮޑު ކާމިޔާބަށް ފަހު ކިޔޯ ރައީސްކަމަށް ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ. އެއީ ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ނޫނީ ސޫކީ ވެރިކަމަށް ނުގެނެވޭނެތީ އެވެ. ގާނޫނު އަސާސީ އަށް އިސްލާހު ގެނެވޭނީ ޕާލަމެންޓުގެ މެންބަރުންގެ ގޮތުގައި ތިއްބަވާ އަަސްކަރީ އޮފިޝަލުންގެ ތާއީދާ އެކު އެވެ. ސޫކީ އަށް ރައީސް ކަމަށް ވަޑައިގަތުމަށް ހުރަސް އެޅިފައި ވަނީ ރައީސްކަން ކުރާ މީހެއްގެ ދަރިން ބޭރު ގައުމެއްގެ ރަށްވެހިންގެ ގޮތުގައި ނުތިބެވޭނެ ކަމަށް ބުނާ މާއްދާގެ ސަބަބުންނެވެ. ސޫކީގެ ދެ ކުދިންނަކީ އިނގިރޭސި ވިލާތުގެ ރަށްވެހިންނެވެ.