އެމެރިކާގެ 60 ޑިޕްލޮމެޓުން ރަޝިޔާ އިން ބޭރުކޮށްލައިފި

މޮސްކޯ (މާޗް 30) - އެމެރިކާގެ 60 ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލާ ސެއިންޓް ޕީޓާސްބާގުގައި ހުންނަ ކޮންސިއުލޭޓް ބަންދު ކުރަން ނިންމައިފި އެވެ.


ރަޝިޔާ އިން މި ފިޔަވަޅު އަޅާފައި ވަނީ އިނގިރޭސި ވިލާތުގައި ރަޝިޔާގެ ކުރީގެ ޖާސޫސަކަށް ވިހަ ދިން މައްސަލާގައި ރަޝިޔާއާ ދެކޮޅަށް އެކި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެމެރިކާ އިން ކުރިން ވަނީ ރަޝިޔާގެ 60 ޑިޕްލޮމެޓުން ފޮނުވާލާ ސިއެޓްލަގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓް ބަންދުކޮށްފަ އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ވިދާޅުވީ ރަޝިޔާގެ ޑިޕްލޮމެޓުން ފޮނުވާލާ ގައުމުތަކަށް އޭގެ ރައްދާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މިހާތަނަށް ވަނީ ވިއްސަކަށް ގައުމުން ރަޝިޔާގެ ޑިޕްލޮމެޓުން ބޭރުކޮށްފަ އެވެ. ރަޝިޔާ އިން މިއަދު ވަނީ ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކުގެ ސަފީރުން ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ވިދާޅުވީ ރަޝިޔާ އިން އަޅާ ކޮންމެ ފިޔަވަޅަކަށް އެމެރިކާ އިން އިތުރު ފިޔަވަޅު އެޅުމުގެ ހައްގު އޮންނާނެ ކަމަށެވެ.

ރަޝިޔާގެ ކުރީގެ ޖާސޫސް އާއި އޭނާގެ އަންހެން ދަރިފުޅަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކުން ބުނެ އެވެ. އެކަމަކު އެކަމުގައި އެއްވެސް ރޯލެއް ނުވާނެ ކަމަށް ރަޝިޔާ އިން ބުނެ އެވެ.