ޕާކިސްތާނުގެ އިސް ފަނޑިޔާރުގެ ވަގަށް ނެގި ދަރި ސަލާމަތްކޮށްފި

ކަރާޗީ (ޖުލައި 19) - މިދިޔަ މަހު ކަރާޗީން ވަގަށް ނެގި ޕާކިސްތާނުގެ އިސް ފަނޑިޔާރެއްގެ ފިރިހެން ދަރި ސަލާމަތީ ފަރާތްތަކުން މިއަދު ސަލާމަތްކޮށްފި އެވެ.


ސިންދު ޕްރޮވިންސްގެ އުއްތަމަ ފަނޑިޔާރު ސައްޖާދު އަލީ ޝާހުގެ ދަރިކަލުން އަވައިސް އަލީ ޝާހު ސަލާމަތް ކުރީ އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ގަބީލާތަކުގެ ސަރަހައްދަކުންނެވެ. އޭނާ ފެނުނީ ކާރެއްގެ ތެރޭގައި އަތާއި ފައި ބަނދެ، އަދި ބުރުގާއެއް އަޅުވާފައި އިންދަ އެވެ. ފަނޑިޔާރުގެ ދަރި ސަލާމަތް ކުރުމަށް ދިން ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތިން މީހުން ވަނީ މަރާލައިފަ އެވެ.

ސިފައިންގެ ތަރުޖަމާނަކު ބުނީ އަވައިސް ވަގަށް ނެގި ކަމަށް ބެލެވެނީ ޕާކިސްތާން ތާލިބާން ޖަމާއަތުން ކަމަށެވެ. އަދި ތާލިބާނުން ވަނީ އުއްތަމަ ފަނޑިޔާރުގެ އާއިލާއާ ގުޅާ ބައެއް ޑިމާންޑްތައް ކޮށްފައި ކަމަށް ތަރުޖަމާން ބުންޏެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ތާލިބާނުން ޑިމާންޑްކޮށްފައި ވަނީ ޖަލުގައި ތިބި އިސްލާމީ ހަނގުރާމަވެރިންގެ ބައެއް މީހުން މިނިވަން ކުރުމަށެވެ. އަވައިސް ވަގަށް ނެގީ މިދިޔަ މަހު 21 ވަނަ ދުވަހު އެވެ.

ޕާކިސްތާނުގައި މީގެ ކުރިން ވެސް ވަނީ ހަނގުރާމަވެރި ޖަމާއަތްތަކުން ބައެއް އިސް މީހުންގެ ދަރިން ވަގަށް ނަގައިފަ އެވެ. އޭގެ ތެރޭގައި އަވަރާކޮށްލާފައިވާ ޕަންޖާބުގެ ކުރީގެ ގަވަރުނަރު ސަލްމާން ތަސީރުގެ ދަރިކަލުން ޝަހުބާޒް ތަސީރު ހިމެނެ އެވެ. ހަތަރު އަހަރަށް ފަހު އޭނާ މިނިވަން ކުރީ މިދިޔަ މާޗު މަހު އެވެ. އަދި 2013 ވަނަ އަހަރު ވަގަށް ނެގި ކުރީގެ ބޮޑު ވަޒީރު ޔޫސުފް ރަޒާ ގިލާނީގެ ދަރިކަލުން އަލީ ހައިދަރު ގިލާނީ ވަނީ މިދިޔަ މެއި މަހު ސަލާމަތްކޮށްފަ އެވެ.