ނަތަންޔާހޫ އަކީ ޓެރަރިސްޓެއް، އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް: އުރުދުޣާން

އަންކާރާ (އެޕްރީލް 2) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ޓެރަރިސްޓެއް ކަމަށާއި އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.


އުރުދުޣާން އެހެން ވިދާޅުވެފައި ވަނީ ސީރިއާގެ އަފްރިންގައި ތުރުކީ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަނަށް ނަތަންޔާހޫ ކުރެއްވި ކޮމެންޓަކާ ގުޅިގެންނެވެ. އަދި ނަތަންޔާހޫ، އުރުދުޣާން ސިފަ ކުރައްވާފައި ވަނީ ކުރުދީންގެ އަވަށްތަކަށް ބޮން އަޅާ މީހެއްގެ ގޮތުގަ އެވެ.

"ނަތަންޔާހޫ ވިދާޅުވަނީ ތުރުކީ ސިފައިން ދަނީ އަފްރިންގައި އުދުވާން ހިންގަމުން ކަމަށް. ނަތަންޔާހޫ އަކީ ވަރަށް ނިކަމެތި، ފަގީރު މީހެއް،" ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) ގެ ކޮންގްރެސްގައި އުރުދުޣާން ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ޑީލް ކުރަނީ ޓެރަރިސްޓުންނާ. ނަތަންޔާހޫ ހަމަލާ ދެނީ ޓެރަރިސްޓުންނަކަށް ނޫން. އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް."

ނަތަންޔާހޫ އަކީ ފަލަސްތީނުގެ ބިންތަކަށް އަރައިގެންފައިވާ މީހެއް ކަމަށް ސިފަ ކުރައްވަމުން އުރުދުޣާން ވިދާޅުވީ ނަތަންޔާހޫ އަކީ ވެސް ޓެރަރިސްޓެއް ކަމަށެވެ.

"ފަލަސްތީން މީހުންނަށް ނަތަންޔާހޫ ދޭ އަނިޔާ ތާރީޚުގައި އެ ދަނީ ރެކޯޑްވަމުން،" އުރުދުޣާން ވިދާޅުވި އެވެ.

ގާޒާގައި އިޒްރޭލް ސިފައިންދޭ ރަހުމެއް ނެތް އަނިޔާތައް އުރުދުޣާން ވަނީ ހޮނިހިރު ދުވަހު ކުށްވެރި ކުރައްވައިފަ އެވެ.

ގާޒާ ބޯޑަރަށް "ބިމުގެ ދުވަހުގެ" އިހްތިޖާޖަށް އެއްވި ފަލަސްތީނު މީހުން ގަޔަށް އިޒްރޭލް ސިފައިން ބަޑިޖަހާ 16 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މިއީ 2014 ވަނަ އަހަރު އިޒްރޭލުން ގާޒާ އަށް ދިން އުދުވާނަށް ފަހު އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޝަހީދުކޮށްލި ދުވަހެވެ. އަދި 1،500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލައިފަ އެވެ. ބިމުގެ ދުވަހަކީ މާޗް 30، 1976 ގައި ފަލަސްތީނުގެ ބިމުން ބޮޑު ބައެއް އިޒްރޭލުން ހިފުމުން އެކަމާ އިހްތިޖާޖް ކުރި މީހުން ގަޔަށް އިޒްރޭލުން ބަޑި ޖެހުމުން ޝަހީދުވި ހަ މީހުންގެ ހަނދާން އާ ކުރާ ދުވަހެވެ. "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާ އަށް ފަލަސްތީން މީހުން ކުރިއަށް ގެންދާ އިހްތިޖާޖް ނިންމާލާނީ މެއި 15 ވަނަ ދުވަހު އެވެ. އެއީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ފަލަސްތީނުން އެ ދުވަސް ފާހަގަ ކުރަނީ ނަކްބާ ނުވަތަ ހަލާކުގެ ދުވަހުގެ ގޮތުގަ އެވެ.