ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ބޭނުމަކީ ސަރުކާރު ވައްޓާލުން: މިނިސްޓަރު

ކޮލަމްބޯ (އެޕްރީލް 2) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ޖޮއިންޓް އޮޕޮޒިޝަނުގެ ފަރާތުން ޕާލަމެންޓަށް ވެއްދުމުގެ ބޭނުމަކީ އެއްބައިވަންތަކަމުގެ ސަރުކާރު އުވާލުން ކަމަށް ސްޓޭޓް މިނިސްޓަ އޮފް ޕަވަ އެންޑް އެނާޖީ އަޖިތު ޕެރޭރާ ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅެނީ ރައްޔިތުންނަށްވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފެއިލްކޮށްލަން ކަމަށެވެ. މީގެ ތެރޭން އެއްކަމެއްގެ ގޮތުގައި އެންޓި-ކޮރަޕްޝަން ހައި ކޯޓެއް އުފެއްދުމަށް ޕާލަމެންޓަށް ހުށަހަޅާފައިވާ މައްސަލަ ހުއްޓުވަން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޯޓުގެ ބިލް ޕާލަމެންޓުން ފާސްވެދާނެތީ އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ބިރު ގަންނަ ކަމަށެވެ.

"ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ފެއިލްކޮށްލަން ސަރުކާރާ ގުޅިފައިވާ ހުރިހާ ޕާޓީތަކެއް ތިބީ އެކަތިގަނޑަކަށްވެފައި. މިނިސްޓަރުން ވެސް ތިބީ އެގޮތުގައި،" ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ހެޑްކުއާޓަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެރާރާ ވިދާޅުވި އެވެ.

ސަރުކާރުގެ ދެ މިނިސްޓަރަކު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފަ އެވެ. ޕެރާރާ ވިދާޅުވީ އެ ދެ މިނިސްޓަރުން އިދިކޮޅަށް ބަދަލުވީ ކުރިއަށް އޮތް އިންތިކާބުގައި ޔޫއެންޕީ ނުވަތަ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ގެ ފަރާތުން ވާދަ ނުކުރެވޭނެކަން ޔަގީންވާތީ ކަމަށެވެ.

ޔޫއޭންޕީން އެހެން ބުނި ނަމަވެސް ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޕާޓީގެ ބައެއް މެންބަރުން ވަނީ ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ޖޮއިންޓް އޮޕޮޒިޝަނަށް ތާއީދު ކުރާނެ ކަމަށް ބުނެފަ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ