ލަންކާގެ ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު

ކޮލަމްބޯ (އެޕްރީލް 4) - ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕާލަމެންޓަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް މިއަދު ހެނދުނު ފަށައިފަ އެވެ.


ޖޮއިންޓް އޮޕޮޒިޝަނުން ހުށަހެޅި މައްސަލަ މިރޭ 9:30 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ވޯޓަށް އަހާނީ އޭގެ ފަހުންނެވެ.

ޕާލަމެންޓުގައި ހަނި އަޣުލަބިއްޔަތެއް އޮންނަ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ބުނެފައި ވަނީ އިތުބާރު ނެތްކަމުގެ ވޯޓު ފެއިލްކޮށްލާނެ ކަމަށެވެ. އެކަމަކު ކޯލިޝަން ޕާޓްނަރު އަދި ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ބުނެފައި ވަނީ ރަނިލްގެ ވޯޓާ މެދު ޕާޓީން ނިންމާ ގޮތެއް ހާމަކުރާނީ މިއަދު ކަމަށެވެ. އެސްއެލްއެފްޕީގެ ވައިސް ޗެއާމަން އަދި މިނިސްޓަ ނިރްމަލާ ސިރިޕާލާ ޑި ސިލްވާ ވިދާޅުވީ ޕާޓީން ބުރަވަނީ ރަނިލް ވަކިކުރުމަށް ކަމަށެވެ. އެކަމަކު ސްރީ ލަންކަން މުސްލިމް ކޮންގްރެސްގެ ލީޑަރު މިނިސްޓަރު ރައޫފް ހަކީމް އާއި ޓަމިލް ޕްރޮގްރެސިވް އެލަޔަންސްގެ ލީޑަރު މަނޯ ގަނެސަން ވަނީ އިތުބާރު ނެތްކަމުގެ ވޯޓާ ދެކޮޅު ހަދަން ނިންމައިފަ އެވެ. މާކްސިސްޓް ޕާޓީން ވަނީ އިތުބާރު ނެތްކަމުގެ ވޯޓަށް ތާއިދު ކުރަން ނިންމައިފަ އެވެ.

ސިރިސޭނާގެ އެސްއެލްއެފްޕީން ވަނީ ޕާލަމެންޓުގެ ބަހުސްގެ ކުރިން ރަނިލް އިސްތިއުފާ ދިނުމަށް އެދިފަ އެވެ. އަދި ޔުނައިޓެޑް ނޭޝަނަލް ފްރަންޓް (ޔޫއެންއެފް) އިން ވަނީ ބޮޑު ވަޒީރު މަގާމުން އިސްތިއުފާ ނުދެއްވުމަށް އެދި ގަރާރެއް ފާސްކޮށްފަ އެވެ.

ޔޫއެންޕީގެ ޑިޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަކިލާ ވިރާޖް ކަރިޔަވަސަމް ވިދާޅުވީ އެސްއެލްއެފްޕީގެ ހުރިހާ ޕާލަމެންޓް މެންބަރުން ރަނިލްއާ ދެކޮޅަށް ވޯޓު ދިން ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓު ފެއިލްކޮށްލާނެ ކަމަށެވެ.