ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ސިރިސޭނާގެ ޕާޓީން ވަކި ގޮތަކަށް ވޯޓް ނުދޭން ނިންމައިފި

ކޮލަމްބޯ (އެޕްރީލް 4) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތް ކަމަށް މިރޭ ނަގާ ވޯޓުގައި ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ވަކި ގޮތަކަށް ވޯޓު ނުދޭން ނިންމައިފި އެވެ.


އެސްއެލްއެފްޕީން ބުނީ ރަނިލްގެ ވޯޓުގެ މައްސަލާގައި ޕާޓީން ވަކި ގޮތެއް ނިންމީ ސިރިސޭނާ ވެސް މިއަދު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ޕާޓީގެ ނިންމުން މީޑިއާ އަށް ހާމަކޮށްދެއްވީ ސްޓޭޓް މިނިސްޓަރު އޭއެޗްއެމް ފައުޒީ އެވެ. އޭނާ ވިދާޅުވީ ރައީސް ސިިރިސޭނާ އެ ގޮތަށް ނިންމެވީ އެހެން ޕާޓީތަކާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް އިން ވެސް ވަނީ އެގޮތަށް އެއްބަސްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސްރީ ލަންކާގެ ޕާލަމެންޓް އިމާރާތް ހިމެނޭ ސަރަހައްދުގައި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ގެ ސިފައިންގެ މީހަކު ގާޑުކޮށްގެން. --ފޮޓޯ:އޭއެފްޕީ

ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ބަހުސް މިއަދު ހެނދުނު ޕާލަމެންޓުގައި ވަނީ ފަށައިފަ އެވެ. އަދި ބަހުސް ނިންމާލަން ހަމަޖައްސާފައި ވަނީ މިރޭ 9:30 ގަ އެވެ. ވޯޓަށް އަހާނީ އޭގެ ފަހުންނެވެ.

އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ ކުރިއަށްދާ އިރު ސްރީ ލަންކާ ޕާލަމެންޓް އިމާރާތް ހިމެނޭ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. ޕާލަމެންޓް އިމާރާތުގެ ބޭރުގައި އެންޓި-ރަޔަޓް ސްކޮޑަކާއި ސްޕެޝަލް ޕޮލިސް ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ