ސިރިސޭނާގެ ޕާޓީގެ 13 މެންބަރުން ރަނިލްއާ ދެކޮޅަށް ވޯޓު ދިން

ކޮލަމްބޯ (އެޕްރީލް 5) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް ޕާލަމެންޓުގައި ރޭ ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޕާޓީގެ 13 މެންބަރަކު ވަނީ ރަނިލްއާ ދެކޮޅަަށް ވޯޓު ދީފަ އެވެ.


ރޭގެ ވޯޓުގައި ރަނިލްގެ އިތުބާރު އޮތް ކަމަށް ވަނީ 122 މެންބަރުން ވޯޓު ދީފަ އެވެ. ދެކޮޅަށް ދީފައި ވަނީ 76 ވޯޓެވެ. ވަކިކޮޅަކަށް ވޯޓު ނުދޭ 26 މެންބަރުން ތިއްބެވެ.

ޕާލަމެންޓުގެ ވޯޓަށް ފަހު ރަނިލް ވަނީ ރައީސް ސިރިސޭނާއާ ވަރަށް އަވަހަށް ބައްދަލު ކުރުމަށް ފަހު ސަރުކާރު ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މި ވަނީ ވަރަށް ގިނަ މަސައްކަތްތައްް ފަށާފައި. ޑިމޮކްރެސީ އާއި އިގްތިސާދީ އަދި ރަށްފުށުގެ ތަރައްގީ އަށް ވަނީ ބަދަލުތަކެއް ގެނެސްފައި،" ވޯޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވި އެވެ.

ރަނިލްއާ ދެކޮޅަށް ވޯޓު ދެއްވި ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ މެމްބަރު އަދި ސްޕޯޓްސް މިނިސްޓަރު ޑަޔަސިރީ ޖަޔަސެކަރަ ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރައިގެން ކުރިއަށްދާ ގޮތަށް ކަމަށެވެ.

ވޯޓުގެ ކުރިން ސިރިސޭނާގެ ޕާޓީން ވަނީ ރަނިލް އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައިފަ އެވެ. ސެންޓްރަލް ބޭންކުގެ ބޮންޑް ވިއްކައިގެން ހިންގި ބޮޑު ކޮރަޕްޝަނުގައި ރަނިލް މަގާމުން ދުރު ކުރަން އެސްއެލްއެފްޕީގެ ބަރަށް ގިނަ މެމްބަރުން ބޭނުންވެ އެވެ.

ރަނިލް އާއި ސިރިސޭނާ ކޯލީޝަން ހެއްދީ 2015 ވަނަ އަހަރުގެ އިންތިޚާބުގައި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ބަލި ކުރުމަށެވެ. އެކަމަކު ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު ކޯލިޝަނުގައި ވަނީ ޚިޔާލު ތަފާތުވެފަ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ