ރަނިލްއާ ދެކޮޅަށް ވޯޓު ދިން މިނިސްޓަރުން ވަކިކޮށް ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ

ކޮލަމްބޯ (އެޕްރީލް 5) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް ރޭ ނެގި އިތުބާރު ނެތްކަމުގެ ވޯޓު ފެއިލްކޮށްލުމާ އެކު އަންނަ ހަފުތާގައި ކެބިނެޓަށް ބަދަލުތަކެއް ގެންނާނެ ކަމަށް ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ވިދާޅުވެއްޖެ އެވެ.


ޖޮއިންޓް އޮޕޮޒިޝަނުން ހުށަހެޅި ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރަނިލްއާ ދެކޮޅަށް ވަނީ 76 މެންބަރުން ވޯޓު ދީފަ އެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ 13 މެންބަރުން ވެސް ހިމެނެ އެވެ.

ރަޖީތާ ވިދާޅުވީ އެސްއެލްއެފްޕީގެ ބައެއް މިނިސްޓަރުން ރަނިލްއާ ދެކޮޅަށް ވޯޓުދީފައިވާތީ އަންނަ ހޯމަ ދުވަހު ކެބިނެޓަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރަނިލްއާ ދެކޮޅަށް ވޯޓު ދިން މިނިސްޓަރުން ކެބިނެޓުން ވަކިކުރާނެ ކަމަށެވެ. ރަނިލް އަށް ފާޑުވިދާޅުވެ ވަކިކޮޅަކަށް ވޯޓު ނުދޭ އެސްއެލްއެފްޕީގެ މިނިސްޓަރުން މަގާމުން ވަކި ކުރަން ހަމަޖެހިފައި ނުވާ ކަމަށް ވެސް ރަޖީތާ ވިދާޅުވި އެވެ. ރަނިލްއާ ދެކޮޅަށް އެސްއެލްއެފްޕީގެ ހަ މިނިސްޓަރަކު ވަނީ ވޯޓު ދީފަ އެވެ.

ވޯޓުގެ ކުރިން އެސްއެލްއެފްޕީ އިން ވަނީ ވަކި ގޮތަކަށް ވޯޓު ނުދޭން ނިންމައިފަ އެވެ. އަދި ވޯޓުގެ ކުރިން ރަނިލް އިސްތިއުފާ ދެއްވުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.

ރަނިލްއާ ދެކޮޅަށް ވޯޓު ދިން ކެބިނެޓް މިނިސްޓަރުން މަގާމުން ދުރު ކުރުމަށް އެދި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ 33 ޕާލަމެންޓް މެންބަރުން ސޮއިކޮށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ