ޝަކުވާ ބޮޑުވެ، މެލޭޝިއާގައި އިންތިޚާބު ބާއްވާ ދުވަސް ބަންދުކޮށްފި

ކުއާލަ ލަމްޕޫރު (އެޕްރީލް 12) - މެލޭޝިއާގައި އާއްމު އިންތިޚާބު އޮންނާނީ އަންނަ މަހު 9 ވަނަ ދުވަހު ކަމަށް އިއުލާން ކުރުމާ އެކު އެ ދުވަހަކީ ބަންދު ދުވަހަކަށް ނުވުމުން އިދިކޮޅު ފަރާތްތަކުގެ ޝަކުވާ ބޮޑުވުމުން އެންމެ ފަހުން އެ ދުވަސް ބަންދުކޮށްފި އެވެ.


މެލޭޝިއާގައި އިންތިޚާބު ބާއްވަނީ ބުދަ ދުވަހެއްގަ އެވެ. މިއީ ވޭތުވެދިޔަ 20 އަހަރު ތެރޭ ހަފުތާ ބަންދެއް ފިޔަވައި އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެއީ ވެރިކަންކުރާ ޕާޓީ އަށް އިންތިޚާބު ކާމިޔާބު ކުރަން ފަސޭހައަކަށް ކުރި ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެންމެ ފަހުން ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގިނަ ބަޔަކަށް ވޯޓުލާން ދިއުމަށް ފަސޭހައަކަށް ވޯޓުލާ ދުވަސް ބަންދުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކެމްޕޭން ކުރަން ދިން މުއްދަތު ކުޑަވުމުން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ފާޑު ކިޔައިފަ އެވެ. ކެމްޕޭނަށް ދީފައި ވަނީ 11 ދުވަހެވެ.

މެލޭޝިއާގައި އާއްމު އިންތިޚާބު ބާއްވަން މަގު ފަހި ކުރުމުގެ ގޮތުން ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވަނީ މިދިޔަ ހަފުތާގައި ޕާލަމެންޓް އުވާލައިފަ އެވެ. އިންތިޚާބު އިއުލާންކުރި އިރު މެލޭޝިއާ ސަރުކާރުގެ މަގްބޫލްކަން ވަނީ ދަށްވެފަ އެވެ. ބޮޑު ވަޒީރު ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފައިވާ އިރު އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޖަމާކުރި މައްސަލައަށެވެ.

ނަޖީބާ ވާދަކުރަން އިދިކޮޅު ފަރާތްތައް ގުޅިގެން ނެރެން ހަމަޖައްސާފައިވާ ކެންޑިޑޭޓަކީ ސިޔާސީ ދާއިރާއާ އެތައް އަހަރަކު ދުރުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު 92 އަހަރުގެ މަހާތިރު މުހައްމަދެވެ.