ފަގީރު އާއިލާތަކަށް ކޮލަމްބޯގައި 50،000 ފްލެޓް އަޅަނީ

ކޮލަމްބޯ (އެޕްރީލް 12) - ލަންކާގައި ކުޑަ އާމްދަނީއެއް ލިބޭ ފަގީރު އާއިލާތަކަށް އަމާޒުކޮށް ކޮލަމްބޯގައި 50،000 ފްލެޓް އަޅުއްވާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.


ބޮޑު ވަޒީރު ވިދާޅުވީ އެ ފްލެޓްތައް މަދު އަހަރުތަކެއްގެ ތެރޭގައި ނިންމާނެ ކަމަށެވެ. މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށް 400 ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރަނިލް ވިދާޅުވީ ފަގީރު އާއިލާތަކަށް ފްލެޓް ދީގެން ހުސްވާ ބިންތައް ވިޔަފާރީގެ ބޭނުންތަކަށް ދޫކުރާނެ ކަމަށެވެ. މި މަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ ވެރިރަށުން ޖިފްޓިތައް ކުރިއަށް އޮތް 10 އަހަރު ދުވަހު ތެރޭ ނަގާ ހުސްކޮށްލުން ކަމަށް ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވީ ލަންކާ ސަރުކާރުން އިއުލާންކޮށްފައިވާ ހައުސިން މަޝްރޫއުގެ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހި ނިމުމުން ލަންކާގައި ގެދޮރުގެ ދަތިކަން ދާއިމީ ގޮތެއްގައި ހައްލުވެގެން ދާނެ ކަމަށެވެ. ފަގީރު އާއިލާތަކަށް ހަދާ، ބައިލައްކަ ފްލެޓް ނިންމަން ސަރުކާރުން އަމާޒު ހިފާފައި ވަނީ 2023 ވަނަ އަހަރަށެވެ.

ބޮޑު ވަޒީރު ވިދާޅުވީ ތައުލީމް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ކޮލަމްބޯ ސެންޓްރަލް އަދި ކޮލަމްބޯ ނޯތުގައި މުޅިން އާ ދެ ސްކޫލް އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ.