ރަނިލްއާ ދެކޮޅަށް ވޯޓު ދިން މިނިސްޓަރުން އިސްތިއުފާ ދީފި

ކޮލަމްބޯ (އެޕްރީލް 12) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރުމަށް ވޯޓު ދިން ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ 16 މިނިސްޓަރުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.


ސްޓޭޓް މިނިސްޓަރު ލަކްޝްމަން ޔާޕާ އަބޭވަރްދަނާ ވިދާޅުވީ ރަނިލްއާ ދެކޮޅަށް ވޯޓު ދިން އެސްއެލްއެފްޕީގެ ކެބިނެޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި ޑިޕިއުޓީ މިނިސްޓަރުންގެ އިތުރުން ޕާލަމެންޓުގެ ނައިބް ރައީސް ވެސް އިސްތިއުފާ ދީފައިވާ ކަމަށެވެ.

ލަންކާގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ މައި ޕާޓީ ކަމަށްވާ ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އިން ވަނީ ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓާ އެއްކޮޅަށް ވޯޓު ދިން އެސްއެލްއެފްޕީގެ މިނިސްޓަރުން މަގާމުން ދުރުކުރަން ސިރިސޭނާ އަށް ދަންނަވައިފަ އެވެ. އަބޭވަރްދަނާ ވިދާޅުވީ އެސްއެލްއެފްޕީގެ މިނިސްޓަރުން އިސްތިއުފާ ދެއްވުމުގެ ހުއްދަ ސިރިސޭނާ ދެއްވާފައިވާ ކަމަށެވެ.

އެސްއެލްއެފްޕީގެ ތަރުޖަމާން ޑިލަން ޕެރާރާ ވިދާޅުވީ މިނިސްޓަރުން އިސްތިއުފާ ދިން ނަމަވެސް ޕާލަމެންޓުގައި އެ މެންބަރުން ތިބޭނީ ސިރިސޭނާ އަށް ތާއިދު ކުރުން މަތީ ކަމަށެވެ.

މިނިސްޓަރުން އިސްތިއުފާ ދިނުމުން މިނިސްޓްރީތައް ހިންގުމަށް ވަގުތީ ގޮތުން ހަތަރު މިނިސްޓަރަކު މިއަދު ވަނީ އައްޔަންކޮށްފަ އެވެ.

މި ހަފުތާ ބަންދުގައި ފާހަގަކުރާ ސިންހަޅަ އާ އަހަރަށް ފަހު ލަންކާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.