ގާޒާގެ އެންމެ ދިގު ބިމުއަޑީ މަގު އިޒްރޭލުން ހަލާކުކޮށްލައިފި

ގާޒާ (އެޕްރީލް 16) - ގާޒާ ސްޓްރިޕްގައި ބިމު އަޑިން ކޮނެފައިވާ އެންމެ ދިގު އަދި އެންމެ ފުން މަގު އިޒްރޭލުން ހަލާކުކޮށްލައިފި އެވެ.


އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލީބަމަން ވިދާޅުވީ އިޒްރޭލުން ގާޒާ ސްޓްރިޕާ ހަމައަށް ބިމު އަޑީ މަގެއް ކޮނެފައި ވަނީ ހަނގުރާމަވެރި ގްރޫޕްތަކުން ކަމަށާއި މިއީ އިޒްރޭލަށް ހޯދުނު ބިމު އަޑީ އެންމެ ދިގު މަގު ކަމަށެވެ. އަސްކަރީ ތަރުޖަމާނަކު ވިދާޅުވީ އެ މަގު ކޮންނަން ފަށާފައި ވަނީ 2014 ވަނަ އަހަރު ގާޒާ އަށް ހަމަލާ ދިން ދުވަސްވަރު ކަމަށެވެ. އެ ދުވަސްވަރު އިޒްރޭލުން ވަނީ 30 އަށް ވުރެ ގިނަ ބިމު އަޑީ މަގު ހަލާކުކޮށްލައިފަ އެވެ.

އަސްކަރީ ތަރުޖަމާން ލެފްޓިނެންޓް ކާނަލް ޖޮނަތަން ކޮންރިކަސް ވިދާޅުވީ ގާޒާގައި ބިމު އަޑީ މަގެއް ކޮނެފައި ވަނީ ހަމާސް އިން ކަމަށެވެ. އަދި އެ މަގު ވަނީ އިޒްރޭލުގެ ތެރެއަށް އެތައް މީޓަރަކަށް ކޮނެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ވޭތުވެދިޔަ މަސްތަކުގައި އިޒްރޭލުން ހަލާކުކޮށްލި ފަސް ވަނަ ބިމުއަޑީ މަގެވެ. ގާޒާގައި ހަމާސްގެ އިތުރުން ބިމު އަޑީ މަގުތައް ދެން ހަދަނީ އިސްލާމިކް ޖިހާދު ގްރޫޕުންނެވެ.

މިދިޔަ އަހަރުން ފެށިގެން އިޒްރޭލުން ދަނީ ބިމު އަޑީ މަގުތައް ހޯދުމަށް ހައި-ޓެކް ސާމާނު ބޭނުން ކުރަމުންނެވެ. އަދި ގާޒާ ބޯޑަރު ވަށައިގެން ބިމު އަޑިއަށް ދަނީ ބެރިއާ ޖަހަމުންނެވެ. އެއީ އާ މަގުތައް ކޮނުން ހުއްޓުވުމަށެވެ.