ރޭޕުގެ މައްސަލައެއްގައި ބީޖޭޕީގެ ސިޔާސީ އިސް މީހަކު ހައްޔަރުކޮށްފި

އުއްތަރަ ޕްރަދޭޝް (އެޕްރީލް 16) - އިންޑިއާގައި ކުޑަ އަންހެން ކުއްޖަކު ވަގަށް ނަގާ ރޭޕް ކުރިކަމުގެ ތުހުމަޔުގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ސިޔާސީ އިސް މީހެއް ކަމަށްވާ ކުލްދީޕް ސިންގް ސެންގަރު ހައްޔަރުކޮށްފި އެވެ.


އުއްތަރަ ޕްރަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް ހިމެނޭ ސެންގަރު، 50، ގެ މައްޗަށް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު 16 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށް އެއީ ސިޔާސީ ގޮތުން ކުރާ ތުހުމަތެއް ކަމަށް ވިދާޅުވެފަ އެވެ.

ސޯޅަ އަހަރުގެ ކުއްޖާގެ ރޭޕުގެ މައްސަލަ ބަލަމުން ދަނީ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުންނެވެ. އެ ކުއްޖާގެ ރޭޕުގެ މައްސަލަ ފެންމަތިވީ މި މަހު 8 ވަނަ ދުވަހު، އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރުގެ ގެ ދޮރުމަތީ އެ ކުއްޖާ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރުމުންނެވެ. އަންހެން ކުއްޖާ އެ ގޮތަށް ކަންކުރަން އުޅުނީ އޭނާގެ ރޭޕުގެ މައްސަލަ ބަލަން ފުލުހުން ދެކޮޅު ހެދުމުންނެވެ.

އޭގެ އެއް ދުވަސް ފަހުން ވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަންހެން ކުއްޖާގެ ބައްޕަ މަރުވެފަ އެވެ. އޭނާ މަރުވީ ސެންގަރުގެ ބޭބެ އަނިޔާ ކުރުމުން ކަމަށް ޚަބަރުތައް ބުނެ އެވެ. އަންހެން ކުއްޖާ ބުނެފައި ވަނީ އޭނާގެ ބައްޕަ މަރާލާފައި ވަނީ ސެންގަރު އަންގައިގެން ކަމަށެވެ.

އެންމެ ފަހުން ރޭޕުގެ އެ މައްސަލަ ފުލުހުން ރަޖިސްޓްރީ ކުރީ ހާދިސާ ހިންގިތާ 10 މަސް ދުވަސް ފަހުން، މިިދިޔަ ބުރާސްފަތި ދުވަހު އެވެ. އަންހެން ކުއްޖާ އާއި އޭނާގެ އާއިލާ އަށް ފުލުހުން މިހާރު ވަނީ ހިމާޔަތް ދީފަ އެވެ.