ގާޒާގައި އިޒްރޭލުން ހިންގާ ޖަރީމާތައް އދ. އިން ބަލަން ގޮވާލައިފި

ގާޒާ (އެޕްރީލް 21) - ގާޒާ ބޯޑަރުގައި އިޖްތިޖާޖް ކުރަމުންގެންދާ ފަލަސްތީން މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ބެލުމަށް ސަލާތީ މަޖިލީހުން ކޮމިޝަނެއް އުފެއްދުމަށް ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ގޮވާލައްވައިފި އެވެ.


އޭނާ ވިދާޅުވީ އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ލިސްޓެއް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވެސް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ.

"އިޒްރޭލުން ދަނީ އެއްވެސް ބަޔަކު ދައްކާ ވާހަކަ އަޑުއެހުމެއް ނެތި ފަލަސްތީން މީހުންނާ ދެކޮޅަށް ޖަރީމާތައް އިތުރު ކުރަމުން. އިޒްރޭލުން ދުލެއް ދޭނެހެން އަދި ހިއެއް ނުވޭ،" ނިއު ޔޯކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަންސޫރު ވިދާޅުވި އެވެ.

ގާޒާ ބޯޑަރުގައި ފަލަސްތީނުން އިއްޔެ ކުރި އިހްތިޖާޖުގައި އިޒްރޭލް ސިފައިން ބަަޑިޖަހާ ފަލަސްތީނުގެ ހަތަރު މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި 15 އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މާޗް މަހު 30 ވަނަ ދުވަހު އިޖްތިޖާޖް ފެށި ފަހުން މިހާތަނަށް 39 މީހުން ޝަހީދުކޮށްލާ 4،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

"ގްރޭޓްް މާޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް ފަލަސްތީނުން ކުރިއަށް ގެންދާ އިހްތިޖާޖުގައި އިއްޔެ އަކީ ގާޒާ ބޯޑަރަށް ޖަމާވި ހަތަރު ވަނަ ހުކުރެވެ. މި އިހްތިޖާޖް ނިންމާލަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު، އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ފަލަސްތީނުން އެ ދުވަސް ފާހަގަ ކުރަނީ ނަކްބާ ނުވަތަ ހަލާކުގެ ދުވަހުގެ ގޮތުގަ އެވެ.

ގާޒާގައި އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) ގެ ޕްރޮސެކިއުޓަރުން މި މަހު ކުރީކޮޅު ވަނީ ގޮވާލައިފަ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ ގާޒާގެ ޖަރީމާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލައްވައިފަ އެވެ.