ނައިޖީރިއާ މީހުން މި އަހަރު ހައްޖަށް ދިއުން މަނާކޮށްފާނެ

އަބޫޖާ (އެޕްރީލް 25) - ނައިޖީރިއާގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ހުމެއްގެ ސަބަބުން އެ ގައުމުގެ މީހުން މި އަހަރު ހައްޖަށް ދިއުން ސައުދީ އަރަބިއާ އިން މަނާކުރުން އެކަށީގެންވާ ކަމަށް ނައިޖިރިއާގެ ނޭޝަނަލް ހައްޖު ކޮމިޝަނުން ބުނެފި އެވެ.


ނައިޖީރިއާގައި ފެތުރެމުންދާ ލައްސާ ނަމަކަށް ކިޔާ ހުމުގައި މި އަހަރު ފެށުނު ފަހުން ވަނީ 90 މީހުން މަރުވެފަ އެވެ. އަދި ހާހަކަށް ވުރެ ގިނަ މީހުންނަށް ހުން ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.

ލައްސާ ހެމަރަޖިކް ފީވާ (އެލްއެޗްއެފް) އަކީ ވައިރަލް ހުމެކެވެ. ލައްސާ ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުން ޖެހޭ މި ހުމުގެ މާބޮޑު އަލާމާތްތަކެއް ގިނަ މީހުންނަކަށް ނުފެނެ އެވެ. އެކަމަކު މި ހުމުގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ގައިބާރު ދެރަވުމާއި މެއި ނުބައިކޮށް ހޮޑުލުމާއި ބޭރަށް ހިންގުމާއި ކަރު ދުޅަވުމާއި ގައިގައި ރިއްސުން ހިމެނެ އެވެ. މި ބަލި ޖެހެނީ މީދާ އަރާފައި ހުންނަ ކާނާ އިންސާނުން ކެއުމުންނެވެ. މި ބަލިޖެހިފައިވާ މީހުންގެ ފަރާތުން އެހެން މީހުންގެ ގަޔަށް ވެސް ބަލި އަރަ އެވެ.

ނައިޖީރިއާގެ ހައްޖު ކޮމިޝަނުގެ ތަރުޖަމާން މޫސާ އުބަންދަވަކީ ވިދާޅުވީ 36 ސްޓޭޓުގެ އޮފިޝަލުންނާއި ފެޑެރަލް ސަރުކާރާ އެކު މިއަދު ބައްދަލުވުމެއް ބާއްވާ ހުމުގެ ރޯގާއާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ނައިޖީރިއާ އިން މިދިޔަ އަހަރު 90،000 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ.