މެދުއިރުމަތީގެ މުއްސަނދި ގައުމުތަކުން އެމެރިކާގެ ސަލާމަތަށް އެހީވާން ޖެހޭ: ޓްރަމްޕް

ވޮޝިންޓަން (އެޕްރީލް 26) - މެދުއިރުމަތީގެ މުއްސަނދި ބައެއް ގައުމުތަކުން އެމެރިކާގެ ސަލާމަތަށް އެހީތެރިވާން ޖެހޭ ކަމަށާއި އެ ގައުމުތަކުގެ ސިފައިން ވެސް ސީރިއާ އަށް ފޮނުވަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮންއާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގެ މުއްސަނދި ގައުމުތަކުން އާދަޔާޚިލާފު މުއްސަނދި ކަމުގައި އެ އުޅެވެނީ އެމެރިކާގެ އެހީއާ ވެސް އެކު ކަމަށެވެ.

"އެ ގައުމުތައް ސަލާމަތްކޮށްދެނީ އެމެރިކާ. އެހެންވީމާ އެމެރިކާ އިން އެކަމަށް ކުރާ ޚަރަދުން ބައެއް މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވެސް ހަވާލުވާން ޖެހޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ވަކި ގައުމެއްގެ ނަން ހާމަނުކުރައްވާ ޓްރަމްޕް ވިދާޅުވީ އެމެރިކާ އަށް ޚަރަދު ދިނުމުގެ އިތުރުން އެ ގައުމުތަކުގެ ސިފައިން ވެސް މައިދާނަން ނެރެން ޖެހޭ ކަމަށެވެ.

ސީރިއާގައި ތިބޭ އެމެރިކާ ސިފައިން އަނބުރާ ގެންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ފަހުން ވަނީ އެ ޚިޔާލާ ދެކޮޅު ހައްދަވައިފަ އެވެ. ސަބަބަކީ އީރާނުގެ ނުފޫޒު މެދުއިރުމަތީގައި ގަދަވާން ފުރުސަތު ނުދިނުން ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕުގެ ބަޔާނާ ގުޅިގެން ސައުދީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ ސީރިއާގައި ތިބޭ އެމެރިކާ ސިފައިންގެ ޚަރަދު ދޭން ޖެހޭނީ ގަތަރުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ގަތަރުގައި ހުންނަ އެމެރިކާގެ މަރުކަޒު ބަންދުކޮށްފި ނަމަ ހަފުތާއެއްގެ ތެރޭގައި ގަތަރުގެ ވެރިކަން ވެއްޓޭނެ ކަމަށެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ހުޅަނގުން 30 ކިލޯ މީޓަރު ދުރުގައި އޮންނަ އަލް އުދައިދު ވައިގެ މަރުކަޒުގައި އެމެރިކާގެ 9،000 ސިފައިން ތިބެ އެވެ.

ޓްރަމްޕް ކުރިން ވަނީ ސީރިއާގައި އެމެރިކާ ސިފައިން ބައިތިއްބަން ބޭނުން ނަމަ އެ ކަމަށް ހިނގާ ޚަރަދު ސައުދީން ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.