ފަލަސްތީނުގެ ކުޑަ ކުއްޖާ ޝަހީދުކޮށްލި އިޒްރޭލް ސިފައިންގެ މީހާ އަށް ނުވަ މަހުގެ ހުކުމެއް

ތެލް އަވީވް (އެޕްރީލް 26) - މީގެ ހަތަރު އަހަރު ކުރިން ފަލަސްތީނުގެ ކުޑަކުއްޖާ ޝަހީދުކޮށްލި އިޒްރޭލް ސިފައިންގެ މީހާ އަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.


ފަލަސްތީނުގެ 17 އަހަރުގެ ނަދީމް ނުވައްރާ ގަޔަށް މެއި 2014 ގައި އިޒްރޭލުގެ ބޯޑަރު ފުލުހެއް ކަމަށްވާ ބެން ދެރީ ބަޑިޖެހި މަންޒަރު ވަނީ ވީޑިއޯކޮށްފަ އެވެ. ހުޅަނގު އައްސޭރީގައި ކުރި އިހްތިޖާޖުގައި އިޒްރޭލް ސިފައިން ޖެހި ވަޒަން އަރައިގެން ވަނީ 16 އަހަރުގެ ކުއްޖަކު ވެސް ޝަހީދުވެފަ އެވެ. ހެކި ނެތް ކަމަށް ބުނެ، އިޒްރޭލުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ދެރީ ބުނެފައި ވަނީ އޭނާ އަށް އަސްލު ވަޒަަން ޖެހުނީ ރަބަރު ވަޒަން ކަމަށް ހީކޮށް އޮޅުމަކުން ކަމަށެވެ.

ޖެރޫސަލަމްގެ ޑިސްޓްރިކްޓް ކޯޓުން އިއްޔެ ވަނީ ދެރީ އަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި ނުވައްރާގެ އާއިލާ އަށް ބަދަލެއްގެ ގޮތުގައި 50،000 ޝެކެލްސް (14،000 ޑޮލަރު) ދިނުމަށް ވެސް އަންގާފައިވެ އެވެ.

ނުވައްރާގެ އާއިލާ އިން ބުނެފައި ވަނީ މިއީ އިޒްރޭލުގެ ޝަރުއީ ނިޒާމުގެ އެއްވެސް އިންސާފެއް ނެތް ކަމުގެ މިސާލެއް ކަމަށެވެ.

"ފަލަސްތީނާ ގުޅޭ ގޮތުން ނިންމާ އެއްވެސް ކަމެއްގައި އިޒްރޭލުގެ އިންސާފެއް ނެތްކަން މިވަނީ ސާބިތުވެފައި،" ނުވައްރާގެ ބައްޕަ ސިއާމް ނުވައްރާ ބުންޏެވެ.

އިޒްރޭލުގެ މި ހުކުމަށް ވަނީ ފަލަސްތީނުގެ ސީނިއާ އޮފިޝަލް ހަނާން އަޝްރާވީ ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ޖެހި ފަލަސްތީނުގެ ކުޑަ ކުއްޖަކަށް އަށް މަހުގެ ޖަލު ހުކުމެއް އިޒްރޭލުގެ ކޯޓަކުން އިއްވާފައިވާ ކަމަށެވެ.

އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ޖެހުމާއި ފަލަސްތީނުގެ ކުއްޖަކު ޝަހީދުކޮށްލުމާ އެއްވަރުކޮށްފައިވާ ކަމަށް އިންޑިޕެންޑެންޓް ކޮމިޝަން ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވެ އެވެ.