ޚާރިޖީ ވަޒީރުކަން ލިބިވަޑައިގަތުމާ އެކު ޕޮމްޕިއޯ ސައުދީ އަށް

ރިޔާޒް (އެޕްރީލް 29) - އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ ހުވާ ކުރެއްވުމާ އެކު މެދުއިރުމަތީގެ ފުރަތަމަ ދަތުރުގައި މައިކް ޕޮމްޕިއޯ ސައުދީ އަރަބިއާ އަށް ވަޑައިގެންފި އެވެ.


ސީއައިއޭގެ ކުރީގެ ޑިރެކްޓަރުގެ މެދުއިރުމަތީގެ ދަތުރުގައި ސައުދީގެ އިތުރުން ދެން ވަޑައިގަންނަވާނީ އިޒްރޭލަށާއި ޖޯޑަންއަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޕްލޭން އެ ތިން ގައުމުގެ ވެރިންނާ ހިއްސާ ކުރައްވާނެ އެވެ. ޕޮމްޕިއޯ ރޭ ވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފަ އެވެ. އަދި ރަސްގެފާން ސަލްމާންއާ މިއަދު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓްރަމްޕް ގެންދަވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލުމަށް މަސައްކަތް ކުރަމުންނެވެ. އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު ޕޮމްޕިއޯ ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ ގޮތުން ޓްރަމްޕް ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށެވެ.

ޚާރިޖީ ވަޒީރުކަމުގެ ހުވާ ކުރެއްވިތާ 12 ގަޑިއިރު ތެރޭ ޕޮމްޕިއޯ ވަނީ ބްރަސެލްސް އަށް ވަޑައިގެން ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ސްޓާފުންނާ ޕޮމްޕިއޯ ބައްދަލު ކުރައްވާނީ މެދުއިރުމަތީގެ ދަތުރަށް ފަހު އަންނަ އަންގާރަ ދުވަހު އެވެ.

ޕޮމްޕިއޯ ދާދި ފަހުން ވަނީ ނޯތު ކޮރެއާ އަށް ވަޑައިގެން އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ޓްރަމްޕް ވެސް ފުރަތަމަ ވަޑައިގެންނެވީ ސައުދީ އަށެވެ.