އިނގިރޭސި ދާޚިލީ ވަޒީރު ކަމަށް ޕާކިސްތާނުގެ ބަސް ޑްރައިވަރެއްގެ ދަރިއެއް

ލަންޑަން (އެޕްރީލް 30) - އިނގިރޭސި ވިލާތުގެ ދާޚިލީ ވަޒީރުގެ މަގާމަށް ޕާކިސްތާނުގެ ބަސް ޑްރައިވަރެއްގެ ދަރިއެއް ކަމަށްވާ ސާޖިދު ޖާވިދު މިއަދު އައްޔަން ކޮށްފި އެވެ.


ހޯމް ސެކްރެޓަރީގެ މަގާމުން އެމްބާ ރޫޑް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހަމަޖެއްސި ޖާވިދަކީ މައިނޮރިޓީ ދަރިކޮޅަކުން ދާޚިލީ ވަޒީރު ކަމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ. ރޫޑް އިސްތިއުފާ ދެއްވީ އިމިގްރޭޝަން ޕޮލިސީއާ ގުޅޭ ގޮތުން ޕާލަމެންޓް މެންބަރުންނަށް ދޮގު މައުލޫމާތު ދެއްވުމުންނެވެ. ޖާވިދު ވިދާޅުވީ އިމިގްރޭޝަން ސިޔާސަތު އަލުން މުރާޖައާ ކުރައްވާނެ ކަމަށެވެ.

އުމުރުން 48 އަހަރުގެ ޖާވިދު ކުރިން ވަނީ ބިޒިނެސް އަދި ކަލްޗާ ސެކްރެޓަރީގެ މަގާމު އަދާ ކުރައްވައިފަ އެވެ. ޕާލަމެންޓް މެންބަރުކަން ދަނީ 2010 ވަނަ އަހަރުން ފެށިގެން ފުރުއްވަމުންނެވެ. ކެބިނެޓުގެ މަގާމެއް ފުރަތަމަ ލިބިވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ. ފުރަތަމަ އަދާކުރެއްވީ ކަލްޗާ ސެކްރެޓަރީގެ މަގާމެވެ. ޖާވިދު ވަނީ ޑޯޝޭ ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ޖާވިދުގެ މައިންބަފައިން އުފަންވެފައި ވަނީ އިންޑިއާ އަށެވެ. ނަމަވެސް އެ މީހުންގެ ވަރަށް ޅަ އުމުރުގައި ވަނީ ޕާކިސްތާނަށް ހިޖުރަކޮށްފަ އެވެ. ޖާވިދުގެ ބައްޕަ އިނގިރޭސި ވިލާތަށް ބަދަލުވީ 1960 ގެ އަހަރުތަކުގަ އެވެ. އޭނާ އަދާކުރީ ބަސް ޑްރައިވަރެއްގެ ވަޒީފާ އެވެ.