ނޯތު ކޮރެއާގައި ތިބި އެމެރިކާގެ ގައިދީން ހޮޓަލަކަށް ބަދަލުކޮށްފި

ޕިއޮންޔޮން (މެއި 3) - ނޯތު ކޮރެއާގައި ބަންދުކޮށްފައި ތިބި އެމެރިކާގެ ތިން ގައިދީން ހޮޓަލަކަށް ބަދަލުކޮށް އެ މީހުންނަށް ރަނގަޅު ކާނާ އާއި ސިއްހީ ފަރުވާ ދޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ސަމިޓް ބޭއްވުމުގެ ތައްޔާރީތައް ކުރިއަށް ދާއިރު ނޯތު ކޮރެއާ އިން އެ ތިން ގައިދީން ދޫކޮށްލަފާނެ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ތިން މީހުން މިނިވަން ކުރަން އެމެރިކާ އަށް ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ޓްރަމްޕް އިއްޔެ ވަނީ "އުފާވެރި ޚަބަރެއް" ލިބޭނެ ކަމަށް ޓްވިޓާ މެދުވެރި ކުރައްވާ އިއުލާން ކުރައްވައިފަ އެވެ.

"އެމެރިކާގެ ކުރީގެ ސަރުކާރުން ވަނީ ތިން ގައިދީން ދޫކޮށްލުމަށް ނޯތު ކޮރެއާގައި އެދިފައި. އެކަމަކު އެއްވެސް ކުރިއެރުމެއް ނުލިބޭ،" ޓްރަމްޕް ވިދާޅުވި އެވެ.

ނޯތު ކޮރެއާގައި ބަންދުގައި ތިބި އެމެރިކާގެ ތިން މީހުންގެ ތެރޭން ދެ މީހުން ބަންދުކޮށްފައި ވަނީ ޓްރަމްޕުގެ ވެރިކަމުގައި، މިދިޔަ އަހަރު އެވެ.

ނޯތު ކޮރެއާގައި ބަންދުކޮށްފައި ތިބި އެމެރިކާގެ ތިން މީހުންގެ ތެރޭން ކިމް ހަކް-ސޮން މަސައްކަތް ކުރީ ޕިއޮންޔޮން ޔުނިވާސިޓީ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީގަ އެވެ. މެއި 2017 ގައި އޭނާ ހައްޔަރު ކުރީ "ދައުލަތާ އިދިކޮޅު އަމަލެއް" ހިންގަން އުޅުމުގެ ކުށުގަ އެވެ. އޭނާ އަކީ ކޮރެއާ އަށް އުފަން މީހަކަށްވީ ނަމަވެސް 1990 ގެ އަހަރުތަކުގައި ވަނީ އެމެރިކާ އަށް ހިޖުރަކޮށްފަ އެވެ.

ކިމް ހަކް-ސޮން ހައްޔަރު ކުރުމުގެ ދެ ހަފުތާ ކުރިން ވަނީ ޓޯނީ ކިމް ހައްޔަރުކޮށްފަ އެވެ. ޕިއޮންޔޮން ޔުނިވާސިޓީގައި މަސައްކަތް ކުރި ޓޯނީ ކިމް ހައްޔަރުކޮށްފައި ވަނީ ޖާސޫސް ކުރިކަމުގެ ކުށުގަ އެވެ. އޭނާ ވަނީ އެމެރިކާގައި އެކައުންޓިން ކިޔެވުމަށް ފަހު އެ ގައުމުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފަ އެވެ.

ސައުތު ކޮރެއާ އަށް އުފަން އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކިމް ޑޮން-ޗުލް ނޯތު ކޮރެއާ އިން ހައްޔަރު ކުރީ 2015 ވަނަ އަހަރު އެވެ. ޖާސޫސް ކުރިކަމުގެ ކުށުގައި އޭނާ އަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2016 ވަނަ އަހަރު އެވެ.