ހައްޖު ދުވަސްވަރު ހަމަލާ ދޭން ރޭވި ދެ މީހެއްގެ މައްސަލަ ބަލަނީ

މައްކާ (މެއި 5) - ހައްޖު މޫސުމުގައި ހަމަލާ ދޭން ރޭވި އަރަބި އިޒްރޭލް ދެ މީހެއްގެ މައްސަލަ ސައުދީ އަރަބިއާ އިން ބަލަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ދައުވާ ފޯމުގައިވާ ގޮތުން އެ ދެ މީހުން ސައުދީ އަށް ދަތުރުކޮށްފައި ވަނީ އަރަބި ގައުމެއްގެ ޕާސްޕޯޓުގަ އެވެ. ދެ މީހުންގެ މައްޗަށް ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާދަށް ޖާސޫސްކުރި ކަމުގެ ދައުވާ ވެސް އުފުލައިފަ އެވެ. އަދި ހައްޖު މޫސުމުގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނުކަމުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. މީގެ ތެރޭން އެކަކު އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ސައުދީގެ ދުވަހު ނޫސް އޮކާޒް އަދި އަލް ރިޔާޒުން ބުނި ގޮތުގައި ދެ މީހުންގެ މައްސަލަ ބަލަމުން ދަނީ އެންޓި-ޓެރަރިޒަމްގެ ޚާއްސަ ކޯޓަކުންނެވެ. އެ ދެ މީހުން ހައްޔަރުކުރި އިރެއް ހާމަކޮށްފައެއް ނުވެ އެވެ.

ސައުދީ އަރަބިއާ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެ ގައުމުގެ ގުޅުން މިހާރު ވަނީ ރަނގަޅުވާން ފަށައިފަ އެވެ. ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެޕްރީލް މަހު އެމެރިކާ އަށް ކުރެއްވި ދަތުރުގައި ދެއްވި އިންޓަވިއުއެއްގައި ވަނީ އިޒްރޭލަށް ވެސް ބިމެއްގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަރަބި އިޒްރޭލް މީހުންނަކީ އިޒްރޭލުގައި އުޅޭ ފަލަސްތީނު ދަރިކޮޅު މީހުންނެވެ. އިޒްރޭލުގެ އާބާދީގައި އަރަބި އިޒްރޭލްގެ ނިސްބަތަކީ 17.5 ޕަސެންޓެވެ.