"އެމެރިކާ އެމްބަސީ" ބޯޑުތައް ގުދުސްގެ މަގުތަކުގައި ހަރުކުރަން ފަށައިފި

ގުދުސް (މެއި 7) - އެމެރިކާ އެމްބަސީ އަށް ދާ މަގުތައް އަންގައިދިނުމުގެ ބޯޑުތައް ގުދުސްގައި މިއަދު ހަރުކުރަން ފަށައިފި އެވެ.


ތެލް އަވީވުގައި މިހާރު ހިންގާ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނީ އަންނަ އަންގާރަ ދުވަހު އެވެ. އެމެރިކާ އެމްބަސީ ގުދުސްގައި ހިންގާނީ ކުރިން ގުދުސްގައި އެމެރިކާގެ ކޮންސިއުލޭޓް ހުރި އިމާރާތުގަ އެވެ. އެ ސަރަހައްދާ ކައިރި މަގުތަކުގައި ދަނީ "އެމެރިކާ އެމްބަސީ" އަންގައިދިނުމަށް އިނގިރޭސި، ހިބްރޫ އަދި އަރަބި ބަހުން ބޯޑުތައް ހަރުކުރަމުންނެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން ނިންމިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އަދި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ ނިންމެވުމާ ގުޅިގެން މުޅި ދުނިޔޭގައި ވަނީ އިހްތިޖާޖްކޮށްފަ އެވެ. އަދި އަރަބި ލީގާއި ބައިނަލްއަގުވާމީ މުޖްތަމައުން ވަނީ ޓްރަމްޕުގެ ނިންމެވުމާ މެދު އަލުން ވިސްނުމަށް ގޮވާލައިފަ އެވެ. އެކަމަކު ޓްރަމްޕް ވިދާޅުވެފައި ވަނީ ގުދުސް އަށް އެމްބަސީ ބަދަލު ކުރުމަކީ މަޝްވަރާގެ މޭޒަށް ގެނެވޭނެ މައްސަލައެއް ނޫން ކަމަށެވެ.