ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަކީ ގޯހެއް: އޮބާމާ

ވޮޝިންޓަން (މެއި 9) - އީރާން ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ހެއްދެވި ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.


ޓްރަމްޕުގެ ނިންމެވުންތަކަށް ފާޑު ވިދާޅުވުމަކީ، ވެރިކަމުން ފައިބައި ވަޑައިގެންނެވި ފަހުން، އޮބާމާ އާއްމުކޮށް ކުރައްވާ ކަމެއް ނޫނެވެ. އެކަމަކު އޮބާމާ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އީރާން ނިއުކްލިއާ އެއްބަސްވުމާ ގުޅޭ ގޮތުން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް އޮޅުވާލައްވާފައިވާ ކަމަށާއި އެއީ ހެއްދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"ހަގީގަތް ވަރަށް ސާފު. އީރާން ނިއުކްލިއާ އެއްބަސްވުމަށް ފުރިހަމަ އަށް ދަނީ އަމަލު ކުރަމުން. އެއީ އެއްބަސްވުމުގައި ސޮއިކުރި ޔޫރަޕުގެ ގައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ތަޖްރިބާކާރުން އަދި އެމެރިކާގެ ޑިފެންސް މިނިސްޓަރު ވެސް ގަބޫލް ކުރާ ގޮތް،" އޮބާމާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ. "އެހެންވެ ޓްރަމްޕުގެ ނިންމުމުން އޮޅުވާލުމަކަށް މަގު ފަހިވެގެން ދަނީ. އީރާނުން އެއްބަސްވުމާ ޚިލާފު ނުވަނީސް އެއްބަސްވުން ނުރައްކަލަށް ވައްޓާލުމަކީ ވަރަށް ބޮޑު ގޯހެއް."

ނިއުކްލިއާ އެއްބަސްވުން 2015 ވަނަ އަހަރު ގާއިމްކުރީ އޮބާމާގެ ވެރިކަމުގަ އެވެ.

ޓްރަމްޕުގެ ނިންމުމާ ގުޅިގެން އީރާނުން ވަނީ ޔުރޭނިއަމް ފައްކާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.