ގޯލާންގައިވާ އިޒްރޭލުގެ އަމާޒުތަކަށް އީރާނުން ރޮކެޓް ހަމަލާދީފި

ދިމިޝްގު (މެއި 10) - ގޯލާންގެ އުސް ބިންތަކުގައިވާ އިޒްރޭލުގެ އަމާޒުތަކަށް އީރާނުން ރޮކެޓް ހަމަލާދީފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.


އީރާން ރިވޮލިއުޝަނަރީ ގާޑުން 20 ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރޭން ބައެއް ރޮކެޓް ވައްޓާލާފައިވާ ކަމަށް ވެސް އިޒްރޭލުން ބުނެފައިވެ އެވެ.

އީރާން ސިފައިންގެ ފަރާތުން އާދަޔާޚިލާފު ހަރަކާތްތަކެއް ފެންނަމުންދާ ކަމަށް އިޒްރޭލުން މި ހަފުތާގައި ވަނީ ބުނެފަ އެވެ. އެހެންވެ ގޯލާންގައި ތިބޭ އިޒްރޭލް ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.

އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ ރައްދުގައި އީރާނުގެ އަމާޒުތަކަށް ވައިގެ ހަމަލާދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިސައިލް ފޮނުވާލާ ތަންތަނާއި ޖާސޫސީ މަރުކަޒުތައް ހިމެނޭ ކަމަށް އިޒްރޭލުން ބުނެ އެވެ.

ސީރިއާގެ ރަސްމީ ނޫސް އެޖެންސީ ސަނާ އިން ބުނީ ހިމްސްގެ ދެކުނުން އިޒްރޭލުގެ ބައެއް މިސައިލްތައް ވައްޓާލާފައިވާ ކަމަށެވެ.

ގޯލާންގައި އިޒްރޭލުގެ އަމާޒުތަކަށް ރޮކެޓް ހަމަލާތައް ދީފައި މި ވަނީ ދިމިޝްގުގެ ދެކުނުގައިވާ އަވަށަކަށް އިޒްރޭލުން މިދިޔަ އަންގާރަ ދުވަހު ވައިގެ ހަމަލާދީފައި ވަނިކޮށެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ 15 ސިފައިން މަރުވެފައިވާ ކަމަށެވެ.