ނަޖީބުގެ ކިބައިން ބަދަލެއް ނުހިފާނަން، އެކަމަކު ގާނޫނު ތަންފީޒު ކުރާނަން: މަހާތިރު

ކުއާލަ ލަމްޕޫރު (މެއި 10) - މެލޭޝިއާގެ ބޮޑު ވަޒީރުކަމުން ވަކިވެވަޑައިގަންނަވާ ނަޖީބު ރައްޒާގުގެ ކިބައިން ބަދަލު ހިފުމެއް ނެތް ކަމަށާއި އެކަމަކު ގާނޫނުގެ ހުކޫމަތު ދަމަހައްޓަވާނެ ކަމަށް ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.


މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނުގައި ނަޖީބުގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކުގައި އޭނާ ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މަހާތިރު ވިދާޅުވީ އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފަން ނޫޅުއްވާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރާނީ ގާނޫނުގެ ވެރިކަން ދެމެހެއްޓޭތޯ،" އިންތިޚާބުގެ ކާމިޔާބީ އަށް ފަހު ނޫސްވެެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވި އެވެ.

1އެމްޑީބީ ބޭންކުގެ ބޮޑު ކޮރަޕްޝަނުގައި ނަޖީބުގެ މައްޗަށް ވަނީ 700 މިލިއަން ޑޮލަރުގެ ތުހުމަތު ކޮށްފަ އެވެ. އެކަމަކު ނަޖީބުގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާ އަކީ ސައުދީން ދިން އެހީ ކަމަށް ވަނީ ނިންމައިފަ އެވެ. ނަޖީބަށް ފާޅުގައި ފާޑު ވިދާޅުވެ އޭނާގެ ވެރިކަން ބަދަލު ކުރަން މަހާތިރު ނުކުންނެވީ އެ މައްސަލައާ ގުޅިގެންނެވެ.

ބޮޑު ވަޒީރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ލަސްވަމުން ދިޔަ ނަމަވެސް މަހާތިރު ވަނީ މެލޭޝިއާ ގަޑިން މިއަދު 5 ޖަހާއިރު ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.