އެމެރިކާގެ ޑިޕްލޮމެޓް ފުރުން ޕާކިސްތާނުން މަނާކޮށްފި

އިސްލާމްއާބާދު (މެއި 13) - އެމެރިކާގެ ޑިޕްލޮމެޓް ޕާކިސްތާނުން ފުރުން މަނާކޮށްފި އެވެ.


އެމެރިކާ އެމްބަސީގެ މިލިޓަރީ އެޓާޗޭ ކާނަލް ޖޯސެފް އެމަނުއެލް ހޯލް ފުރުން މަނާކޮށްފައި މި ވަނީ ރަތް ބޮކި ދިއްލާފައި ހުއްޓާ ކާރު ދުއްވުމުން ސައިކަލްގައި ދިޔަ ޒުވާނެއްގެ ގައިގައި ޖެހި އެ ޒުވާނާ މަރުވެފައި ވަނިކޮށެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ކާނަލް ޖޯސެފް ޕާކިސްތާނަށް ހައްޔަރު ނުކުރެވޭނެ ކަމަށާއި އޭނާގެ މައްޗަށް ދައުވާ ވެސް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އޭނާ އަށް ޑިޕްލޮމެޓިކް އިމްތިޔާޒުތައް ލިބިގެންވާތީ އެވެ. އެމެރިކާ އިން ވަނީ ކާނަލް ޖޯސެފް އަނބުރާ ގެންދިއުމަށް މަތިންދާ ބޯޓެއް ފޮނުވައިފަ އެވެ. ނަމަވެސް ޕާކިސްތާނުން ވަނީ ކާނަލް ޖޯސެފް ފުރުން ހުއްޓުވައިފަ އެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ކާނަލް ޖޯސެފް އިންނެވި ކާރު ވަނީ ރަތް ބޮކި ދިއްލިފައި ހުއްޓާ އިސްލާމްއާބާދުގެ އުތުރުން އޮންނަ ސަރަހައްދެއްގެ ހަތަރު އަނގޮޅި ހުރަސްކޮށްފަ އެވެ. އެ ކާރުން ޖެހި، ސައިކަލްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ 22 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

ޕާކިސްތާނުގެ ނޫސްތަކުން ބުނެފައި ވަނީ ކާނަލް ޖޯސެފް ކާރު ދުއްވާފައި ވަނީ މަސްތުވެފައި ހުރެގެން ކަމަށެވެ. ނަމަވެސް އެމެރިކާ އެމްބަސީން އެކަން ދޮގު ކުރެ އެވެ.

އެކްސިޑެންޓުގައި މަރުވި ޒުވާނާގެ ބައްޕަ ވަނީ ކާނަލް ޖޯސެފްގެ މައްޗަށް އިސްލާމްއާބާދުގެ ހައި ކޯޓުގައި ދައުވާ އުފުލަން ގޮވާލައިފަ އެވެ. އެ ކޯޓުން ހުކުރު ދުވަހު ބުނެފައި ވަނީ ކާނަލް ޖޯސެފަށް ޑިޕްލޮމެޓިކް ފުރިހަމަ އިމްތިޔާޒް ލިބިގެން ނުވާ ކަމަށެވެ. އޭނާގެ ނަން ވަނީ "ބްލެކް ލިސްޓް" ކޮށްފަ އެވެ. އެހެންވެ ޕާކިސްތާނުގެ އެއްވެސް އެއާޕޯޓަކުން އޭނާއަކަށް ނުފުރޭނެ އެވެ.

މި ހާދިސާ ކުރިމަތިވި އިރު ވެސް އެމެރިކާ އާއި ޕާކިސްތާނުގެ ގުޅުން ވަނީ ގޯސްވެފަ އެވެ.