އާ އިހްތިޖާޖަކަށް ފަލަސްތީން ތައްޔާރު ވަނީ

ގާޒާ (މެއި 15) - ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވުމާ ގުޅިގެން ފަލަސްތީނުން ކުރަމުންދާ އިހްތިޖާޖް މިއަދު އިތުރަށް ފުޅާ ކުރާނެ ކަމަށް ބުނެފި އެވެ.


ގާޒާ ބޯޑަރަށް އިހްތިޖާޖަށް ޖަމާވި މީހުން ގަޔަށް އިޒްރޭލް ސިފައިން ބަޑިޖަހާ އިއްޔެ ވަނީ 55 މީހުން ޝަހީދުކޮށްލައި 2،700 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ. މިއީ 2014 ވަނަ އަހަރުގެ ގާޒާ ހަނގުރާމަ އަށް ފަހު އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޝަހީދު ކޮށްލި ދުވަހެވެ.

އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ސިފަ ކުރައްވާފައި ވަނީ ގުދުސް އަށް އެމެރިކާ ވެރިވެގަތުން ކަމަށެވެ. އައްބާސް ވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާން ކޮށްފަ އެވެ.

އިޒްރޭލުގެ އަމަލުތައް ދިފާއުކޮށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިޒްރޭލުން އަމަލު ކުރަނީ އަމިއްލަ ދިފާއުގައި ކަމަށެވެ. އަދި ގާޒާގައި ވެރިކަން ކުރާ ހަމާސްގެ ބޭނުމަކީ އިޒްރޭލް ނައްތާލުން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

"ކޮންމެ ގައުމެއްގެ ވެސް ބޯޑަރު ދިފާއު ކުރުމުގެ ހައްގު އެ ގައުމަކަށް ލިބިގެންވާނެ،" ނަތަންޔާހޫ ވިދާޅުވި އެވެ.

އިޒްރޭލުން ބުނީ ގާޒާ ބޯޑަރުގެ 13 ތަނަކަށް ފަލަސްތީނުގެ 40،000 މީހުން އިއްޔެ ޖަމާވި ކަމަށެވެ.