އަނބިމީހާގެ މަރާ ގުޅިގެން އިންޑިއާގެ އެމްޕީއަކަށް ދައުވާ ކުރަނީ

ނިއު ދިއްލީ (މެއި 15) - އަނބިމީހާގެ މަރާ ގުޅިގެން އިންޑިއާގެ ޕާލަމެންޓުގެ މެންބަރު އަދި އދ.ގެ ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ ޝަސީ ތަރޫރުގެ މައްޗަށް ދައުވާ ކުރަން ނިންމައިފި އެވެ.


ތަރޫރުގެ އަންހެނުން ސުނާންދާ ޕުޝްކާރު 2014 ވަނަ އަހަރު މަރުވީ އަމިއްލަ އަށް ކަމަށް ފުލުހުން އޭރު ވަނީ ނިންމައިފަ އެވެ. ނަމަވެސް ފުލުހުން ފަހުން ބުނެފައި ވަނީ ޕުޝްކާރު މަރާލީ ކަމަށެވެ. ނަމަވެސް އޭނާގެ މަރާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ތުހުމަތުކޮށްފައެއް ނުވެ އެވެ.

ދިއްލީ ފުލުހުން ތުހުމަތު ކުރަނީ ޕުޝްކާރުގެ މަރުގައި ތަރޫރުގެ އަތެއްވާ ކަމަށެވެ. ތަރޫރު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރު ކުރާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ މެންބަރެއް ކަމަށްވާ ތަރޫރް އާއި ވިޔަފާރިވެރިއެއް ކަމަށްވާ ޕުޝްކާރު ކައިވެނިކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. ދިއްލީގެ ހޮޓަލެއްގައި ޕުޝްކާރު މަރުވެފައި އޮއްވާ ފެނިފައި ވަނީ ޖެނުއަރީ 17، 2014 ގަ އެވެ. އޭނާގެ ޕޯސްޓް-މޯޓަމްގެ ފުރަތަމަ ރިޕޯޓަށް ފަހު ބުނެފައި ވަނީ ޑްރަގް އޯވަޑޯޒްވެފައިވާ ކަމަށެވެ.

ޑިޕްލޮމެޓެއްގެ ގޮތުގައި 25 އަހަރު މަސައްކަތްކޮށްފައިވާ ތަރޫރް ވަނީ އދ.ގެ އަންޑަސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކޮށްފަ އެވެ. އޭނާ ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 2007 ވަނަ އަހަރު ވާދަކޮށްފަ އެވެ. ބަން ކީ-މޫންއާ ވާދަކޮށް ނާކާމިޔާބުވި ފަހުން ތަރޫރު ވަނީ އދ. އިން އިސްތިއުފާ ދެއްވައިފަ އެވެ. އިންޑިއާގެ ސިޔާސީ ކަންކަމުގެ ތެރެއަށް އޭނާ ވެންނެވީ 2009 ވަނަ އަހަރު އެވެ.