ސައުދީ އާއި މެދުއިރުމަތީގެ ގިނަ ގައުމުތަކަށް މުލަ ރޯދަވާނީ ބުރާސްފަތި ދުވަހު

ރިޔާޒް (މެއި 16) - ސައުދީ އަރަބިއާ އާއި މެދުއިރުމަތީގެ ގިނަ ގައުމުތަކަށް މި އަހަރު މުލަ ރޯދަ ވާނީ ބުރާސްފަތި ދުވަހު ކަމަށް އެ ގައުމުތަކުން ކަނޑައަޅައިފި އެވެ.


ހަނދު ސާބިތު ކުރުމާ ބެހޭ ގޮތުން ސައުދީ ސުޕްރީމް ކޯޓުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ހަނދު ފެނުނު ކަމަށް އެ ގައުމުގެ އެއްވެސް ހިސާބަކުން ރިޕޯޓްކޮށްފައި ނުވާތީ ޝައުބާން މަހުގެ 30 ދުވަސް ފުރިހަމަކޮށް ރޯދަ ހިފަން ފަށާނީ ބުރާސްފަތި ދުވަހު ކަމަށް ކަނޑައަޅައިފަ އެވެ.

ސައުދީގެ އިތުރުން މުލަ ރޯދަ އަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައެޅި ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މުސްލިމުން ގިނަ އިންޑޮނީޝިއާ، ލުބުނާން، ބަހުރާން، މިސްރު، އޮމާން، ކުވޭތު، ގަތަރު، ޖޯޑަން، އިރާގު އަދި ޔޫއޭއީ ހިމެނެ އެވެ. މީގެ އިތުރުން މެލޭޝިއާ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ޖަޕާނަށް ވެސް ރޯދަ މަސް ފެށޭނީ ބުރާސްފަތި ދުވަހު ކަމަށް އެ ގައުމުތަކުން ވަނީ ކަނޑައަޅައިފަ އެވެ. ފްރާންސްގެ ކައުންސިލް އޮފް މުސްލިމް ފެއިތުން ނިންމާފައި ވަނީ މުލަ ރޯދަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ހަނދު ފެނުމުގެ ފުރުސަތު އެންމެ ބޮޑީ އެފްރިކާގެ އެންމެ ހުޅަނގުގައި އޮންނަ އިސްލާމީ ގައުމުތަކަށެވެ.