އަންވަރު ޖަލުން މިނިވަންކޮށްފި

ކުއާލަ ލަމްޕޫރު (މެއި 16) - މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބް އަންވަރު އިބްރާހިމް މިއަދު ޖަލުން މިނިވަން ކޮށްފި އެވެ.


އަންވަރު، 70، މިނިވަންވުމާ އެކު އޭނާ އަށް އަނެއްކާވެސް މި ވަނީ ސިޔާސީ ދާއިރާ އަށް ވަނުމުގެ ފުރުސަތު ލިބިފަ އެވެ. އަންވަރު މިނިވަންކޮށްފައި މި ވަނީ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ދެ ވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އަންވަރު އެންމެ ފުރަތަމަ ޖަލުގައި ބަންދުކުރީ ވެސް މަހާތިރުގެ ވެރިކަމުގަ އެވެ.

މަހާތިރު މިހާރު ވަނީ ދެ އަހަރެއްހާ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވުމަށް ފަހު އަންވަރަށް ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަންވަރު މިނިވަން ކުރި އިރު އޭނާ އަށް ދަނީ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ. އަންވަރު ދޫކޮށްލާނެ ވަގުތެއްގެ އިންތިޒާރުގައި އެތައް ބަޔަކު ވަނީ ހޮސްޕިޓަލުގެ ބޭރަށް ޖަމާވެފަ އެވެ.

މަހާތިރުގެ ޕަކަޓަން ހަރަޕަން ކޯލިޝަނުގައި ހިމެނޭ އަންވަރުގެ ޕާޓީ ކެދިލާން ރަކިއަތު (ޕީކޭއާރު) އިން ޕާލަމެންޓުގެ 48 ގޮނޑި ކޮންޓްރޯލް ކުރެ އެވެ.

މަހާތިރާއި އަންވަރަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެކަމަކު ސިޔާސީ ގޮތުން ދެ ބޭފުޅުން ޚިޔާލު ތަފާތުވެ އަންވަރު މަގާމުން ދުރުކޮށް 1998 ވަނަ އަހަރު، ހަ އަހަރު ޖަލަށްލީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުމެވެ. އަންވަރުގެ މައްސަލަ މެލޭޝިއާގެ އެންމެ މަތީ ކޯޓުން ބެލުމަށް ފަހު އޭނާ މިނިވަން ކުރީ 2004 ވަނަ އަހަރު އެވެ. އަންވަރު ދެ ވަނަ ފަހަރަށް ޖަލަށްލީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.