ފަލަސްތީނުގެ ރައީސް އަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ރާމުﷲ (މެއި 21) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.


ރާމުﷲއާ ކައިރީގައިވާ އިސްތިޝާރީ ހޮސްޕިޓަލުގެ ތަރުޖަމާނަކު ވިދާޅުވީ 83 އަހަރުގެ އައްބާސްގެ ފަރުވާ ކާމިޔާބު ކަމަށާއި ނަމަވެސް ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް ނޭނގޭ ކަމަށެވެ.

އައްބާސް އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހަފުތާގައި ކުރި ކަންފަތުގެ އޮޕަރޭޝަނަކަށް ފަހު އިންފެކްޝަނާ ގުޅިގެންނެވެ. ފަލަސްތީނުގެ އޮފިޝަލް ސާއިބް އުރޭކާތު ވިދާޅުވީ އައްބާސްގެ ހާލަތު ނުރައްކާ ނޫން ކަމަށެވެ. ނަމަވެސް އެހެން ބައެއް އޮފިޝަލުން ވަނީ އައްބާސްގެ މެއަށް ތަދެއް އަރާ އަދި ހުން ވަރަށް ގަދަ ކަމަށް ބުނެފަ އެވެ.

މިއީ ހަފުތާއެއްގެ ތެރޭގައި އައްބާސް އެޑްމިޓްކުރި ތިން ވަނަ ފަހަރެވެ.

މިދިޔަ ފެބްރުއަރީ މަހު އައްބާސް ވަނީ އެމެރިކާގައި މެޑިކަލް ޓެސްޓްތަކެއް ހަދައިފަ އެވެ. ހަތަރު އަހަރުގެ ރިޔާސީ ދައުރެއްގައި އައްބާސް ވެރިކަމަށް ވަޑައިގެންނެވީ 2005 ވަނަ އަހަރު އެވެ. ނަމަވެސް އިންތިޚާބު ނުބާއްވާތީ އައްބާސް އަދިވެސް ހުންނެވީ ވެރިކަމުގަ އެވެ.