އެމެރިކާގެ ނައިބް ރައީސް އަކީ މޮޔައެއް: ނޯތު ކޮރެއާ

ޕިއޮންޔަން (މެއި 24) - އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ދައްކަވަމުން ގެންދަވަނީ މޮޔަ ވާހަކަތަކެއް ކަމަށް ވިދާޅުވެ ޕެންސަކީ މޮޔަ ބޭފުޅެއްގެ ގޮތުގައި ނޯތު ކޮރެއާގެ ސީނިއާ އޮފިޝަލަކު ސިފަ ކުރައްވައިފި އެވެ.


އެމެރިކާއާ އެކު ބާއްވާ މަޝްވަރާތަކަށް ތައްޔާރުވުމުގައި އިސްކޮށް އުޅުއްވާ ނޯތު ކޮރެއާގެ އޮފިޝަލެއް ކަމަށްވާ ޗޮއެ ސޮން-ހުއި ވިދާޅުވީ އެމެރިކާގެ ކިބައިން ނޯތު ކޮރެއާ އާދޭސް ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި މަޝްވަރާތަކަށް އާދޭތޯ އެމެރިކާ ރުއްސަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ނޯތު ކޮރެއާގެ އިސް އޮފިޝަލުން ބަހުގެ ހަމަލާތަކެއް ފަހަކަށް އައިސް ބަދަލު ކުރަން ފަށާފައި މިވަނީ އަންނަ މަހު 12 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ސަމިޓް ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައި ވަނިކޮށެވެ.

ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް އެމެރިކާ އިން މާބޮޑަށް މަޖްބޫރު ކުރާ ނަމަ ސުލްހައިގެ މަޝްވަރާތަކަށް ދިއުމާ މެދު އަލުން ވިސްނަން ޖެހޭނެ ކަަމަށް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ. ޓްރަމްޕް ވެސް ވަނީ ހަމަޖެޖިފައިވާ ތާރީޚުގައި ސަމިޓް ނުބޭއްވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޗޮއެ ސޮން-ހުއި ވިދާޅުވީ ފަހަކަށް އައިސް މީޑިއާގައި ޕެންސް ދައްކަވަމުން ގެންދަވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަަމަށެވެ. އޭގެ ތެރޭން އެއް ވާހަކައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ނޯތު ކޮރެއާ ވެސް ލީބިއާ ގޮތަށް ނިމިގެން ހިނގައިދާނެ ކަމަށް ޕެންސް ވިދާޅުވެފައިވާ ބަސްފުޅަކަށެވެ. އެހެންވެ ސޮން-ހުއި، ޕެންސް ސިފަ ކުރައްވާފައި ވަނީ ސިޔާސީ ޑަމީއެއްގެ ގޮތުގަ އެވެ.

"އެއީ އެމެރިކާގެ ނައިބް ރައީސްގެ މަގާމުގައި ހުންނަ މީހެއްގެ ފަރާތުން އަންނަން ޖެހޭނެ ވާހަކަތަކެއް ނޫން،" ޗޮއެ ސޮން-ހުއި ވިދާޅުވި އެވެ.

ޕެންސް ދާދި ފަހުން ވަނީ ޓްރަމްޕާ ނުކުޅުމަށް ނޯތު ކޮރެއާގެ ލީޑަރަށް އިންޒާރު ދެއްވައިފަ އެވެ.