ޕްރިންސް ވިލިއަމް އިޒްރޭލާއި ފަލަސްތީނަށް ވަޑައިގަންނަވަނީ

ލަންޑަން (މެއި 26) - އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް އިޒްރޭލާއި ފަލަސްތީނަށް އަންނަ މަހު ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.


ޑިއުކް އޮފް ކެމްބްރިޖުގެ ފަސް ދުވަހުގެ ދަތުރުފުޅު ފައްޓަވާނީ ޖޫން 24 ވަނަ ދުވަހު ޖޯޑަންގެ ވެރިރަށް އައްމާނުންނެވެ. ދަތުރުފުޅު ނިންމަވާލައްވާނީ ގުދުސް އިންނެވެ. ޕްރިންސް ވިލިއަމްގެ ދަތުރުފުޅުގައި ޖޯޑަންގެ ޖެރާޝްގެ އިތުރުން އިޒްރޭލުގެ ތެލް އަވީވް އަދި ފަލަސްތީނުގެ ރާމުﷲ އަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ އިނގިރޭސި ސަރުކާރުގެ ފަރާތުން ޝާހީ އާއިލާގެ މެންބަރަކު އިޒްރޭލް ނުވަތަ ފަލަސްތީނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެއީ ވަރަށް ތާރީޚީ ދަތުރުފުޅަކަށް ވާނެ ކަމަށެވެ. އަދި ޕްރިންސަށް ވަރަށް ލޯތްބާ އެކު މަރުހަބާ ދަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑިއުކް އޮފް އެޑިންބަރާ އަދި ޕްރިންސް އޮފް ވޭލްސް މީގެ ކުރިން ވަނީ ގުދުސް އަށް ވަޑައިގެންފަ އެވެ. ނަމަވެސް އެއީ ރަސްމީ ދަތުރުފުޅެއް ނޫނެވެ. ޕްރިންސް އޮފް ވޭލްސް 2016 ވަނަ އަހަރު އިޒރޭލަށް ވަޑައިގެންނެވީ ކުރީގެ ރައީސް ޝިމޮން ޕެރޭޒްގެ ޖަނާޒާ އަށެވެ.

ޕްރިންސް ވިލިއަމް އިޒްރޭލަށް މި ވަޑައިގަންނަވާނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރި މައްސަލާގައި މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައިވާ ދުވަސްވަރެއްގަ އެވެ.