ގާޒާގައި ލައިވް ވަޒަން ބޭނުން ކުރަން އިޒްރޭލުގެ ކޯޓުން ފެހި ސިގްނަލް ދީފި

ގާޒާ (މެއި 27) - ފަލަސްތީނުގެ ހަތިޔާރ ނެތް މީހުންނާ ދެކޮޅަށް އިޒްރޭލުގެ ސްނައިޕަރުން ދޭ ހަމަލާތަކާއި ލައިވް ވަޒަން ބޭނުން ކުރުން ހުއްޓުވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދެ ޖަމާއަތަކުން ހުށަހެޅި ޕެޓިޝަނަށް އިޒްރޭލުގެ ސުޕްރީމް ކޯޓުން ދެކޮޅު ހަދައިފި އެވެ.


އިޒްރޭލް ސިފައިންނާ އެއްކޮޅަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އިޒްރޭލް ސިފައިން ބުނަމުން ދަނީ އަސްލު ވަޒަން ޖަހަން ޖެހެނީ ފަލަސްތީނު މީހުންނަކީ ނުރައްކަލަކަށްވާތީ ކަމަށެވެ. އަދި އިޒްރޭލުން ބުނެފައި ވަނީ ލައިވް ވަޒަން ބޭނުން ކުރަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި ލީގަލް ސެންޓަ ފޯ އަރަބް މައިނޮރިޓީ ރައިޓްސް އިން އިޒްރޭލް އަދި އަލް މީޒަން ސެންޓަ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ ކޯޓުގެ ނިންމުމަކީ ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލް ސިފައިން ލައިވް ވަޒަން ބޭނުން ކުރަން ދިން ފެހި ސިގްނަލެއް ކަމަށެވެ.

މާޗް 30 އާއި މެއި 15 އާ ދެމެދު އިޒްރޭލް ސިފައިން ގާޒާގައި ދިން ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 113 މީހުން ޝަހީދުކޮށްލައި 12،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ. މީގެ ތެރޭން 3،569 މީހުން ގަޔަށް ވަނީ ލައިވް ވަޒަން އަރައިފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.