ޑިއުޓީގައި ތިބޭ އިޒްރޭލް ސިފައިންގެ ފޮޓޯ ނެގުން މަނާ

ތެލް އަވީވް (މެއި 29) - ޑިއުޓީގައި ތިބޭ އިޒްރޭލް ސިފައިންގެ ފޮޓޯ ނަގައި ވީޑިއޯ ކުރުން މަނާކުރަން ހުށަހެޅި ބިލަށް ފަލަސްތީނުގެ ޖާނަލިސްޓްސް ޔޫނިއަން އިން ފާޑު ކިޔައިފި އެވެ.


ޕަލަސްތީނިއަން ޖާނަލިސްޓްސް ސިންޑިކޭޓް (ޕީޖޭއެސް) އިން ބުނީ މިއީ އިޒްރޭލް ސިފައިންގެ އަނިޔާވެރިކަން އިތުރު ކުރަން ހިތްވަރު ދިނުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

"އެ ބިލުން ނޫސްވެރިންގެ މިނިވަންކަން ނިގުޅައިގަނޭ. އަދި ފަލަސްތީން މީހުންނާ ދެކޮޅަށް އިޒްރޭލުގެ އުދުވާން ވަރުގަދަ ކުރަން ބާރު ލިބޭނެ. މީގެ އިތުރުން އެއީ ބައިނަލްއަގުވާމީ ގޮތުން އިންސާފު ހޯދުމަށް އިޒްރޭލުން ސަލާމަތް ވާން އަޅާ ފިޔަވަޅެއް ވެސް މެ،" ޕީޖޭއެސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ ޕާލަމެންޓަށް ހުށަހެޅި ބިލަށް ދިފާއީ ވަޒީރު އަވިގްދޯ ލީބަމަން ވަނީ ތާއީދުކޮށްފަ އެވެ.

ބިލްގައިވާ ގޮތުން ޑިއުޓީގައި ތިބޭ އިޒްރޭލް ސިފައިން ވީޑިއޯކޮށް ފޮޓޯ ނަގާ ނަމަ (އިޒްރޭލް ސިފައިންގެ ރޫހު ގެއްލުވާލެވޭ ގޮތަށް) އަދަބެއްގެ ގޮތުން ފަސް އަހަރަށް ޖަލަށް ލާނެ އެވެ.

ޕީޖޭއެސް އިން ވަނީ ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކޮށްދިނުމަށް އދ. އާއި ބައިނަލްއަގުވާމީ ޕްރެސް އެޖެންސީތަކަށް ގޮވާލައިފަ އެވެ.