ގާޒާގައި އިޒްރޭލް ސިފައިން ހަމަލާތަކެއް ދޭން ފަށައިފި

ގާޒާ (މެއި 30) - ގާޒާގައި ފަލަސްތީން މީހުންގެ އަމާޒުތަކަށް އިޒްރޭލް ސިފައިން ސިލްސިލާ ހަމަލާތަކެއް ދޭން ފަށައިފި އެވެ.


އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކުން އިއްޔެ އެކަނި ވެސް ވަނީ ހަމާސް އާއި އިސްލާމިކް ޖިހާދުގެ ތަންތަނަށް 35 ހަމަލާ ދީފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ މިއީ ގާޒާ އިން އިޒްރޭލުގެ ދެކުނަށް ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފަން ދިން ހަމަލާތަކެއް ކަމަށެވެ.

އިޒްރޭލުގެ އޮފިޝަލުން ބުނީ ގާޒާ އިން ފޮނުވާލި ގިނަ ރޮކެޓްތަކަށް އިޒްރޭލުގެ އޭރިއަލް ޑިފެންސް ސިސްޓަމުން ހުރަސް އަޅާފައިވާ ކަމަށެވެ. ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ސިފައިންގެ ތިން މީހުން ޒަޚަމްވި ކަމަށެވެ.

އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތައް ފޮނުވާލަން ޖެހުނީ އެ މީހުންގެ އުދުވާނަށް ކެތްނުކުރެވިގެން ކަމަށެވެ. އަލް ގައްސާމް ބްރިގޭޑްސް އާއި އަލް ގުދުސް ބްރިގޭޑްސް އިން އިޒްރޭލުގެ ހަމަލާތައް ސިފަކޮށްފައި ވަނީ ފަލަސްތީން މީހުންނާ ދެކޮޅަށް ފެށި ބޮޑު އުދުވާނެއްގެ ގޮތުގަ އެވެ. އަދި އެއީ އިޒްރޭލުން ދާދި ފަހުން ހިންގި ޖަރީމާތަކުގެ ސަމާލުކަން އަނބުރާލަން ދޭ ހަމަލާތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ގާޒާގައި ވެރިކަން ހިންގާ ހަމާސްގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާ ކަމަށެވެ.

"އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވާ ވަރަކަށް އެ މީހުންނަށް ވެސް އެނގެން ޖެހޭނެ އެއަށް ރައްދު ދޭނެކަން،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ މާޗް މަހު 30 ގެ ފަހުން އިޒްރޭލުން ވަނީ ފަލަސްތީނުގެ 121 މީހުން ޝަހީދު ކޮށްލައިފަ އެވެ.