ނޯތު ކޮރެއާގެ ޖެނެރަލް އެމެރިކާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރާނެ

ވޮޝިންޓަން (މެއި 30) - ނޯތު ކޮރެއާގެ އިސް ޖެނެރަލް ކިމް ޖޮން-ޗޮލް އެމެރިކާ އަށް ކުރާ ދަތުރުގައި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ މާދަމާ ބައްދަލު ކުރާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.


ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ގާތް ގުޅުމެއް އޮންނަ ޖެނެރަލް ކިމް އެމެރިކާ އަށް ވަޑައިގެންނެވީ އަންނަ މަހު ބާއްވާ ސަމިޓުގެ މަތީ ފެންވަރުގެ މަޝްވަރާތަކަށެވެ.

ޕޮމްޕެއޯގެ ތަރުޖަމާން ވިދާޅުވީ އެއީ ޖެނެރަލް ކިމްއާ އެކު ބާއްވާ ތިން ވަނަ ބައްދަލުވުން ކަމަށެވެ. ސީއައިއޭގެ ޑިރެކްޓަރަކަށް ޕޮމްޕެއޯ ހުންނެވި އިރު ވެސް ނޯތު ކޮރެއާ އަށް ވަޑައިގެން ޖެނެރަލް ކިމްއާ ވަނީ ބައްދަލުކޮށްފަ އެވެ.

ނޯތު ކޮރެއާގެ ޖެނެރަލް އެމެރިކާ އަށް ވަޑައިގަތުމުގެ ކުރިން ވަނީ ޗައިނާ އަށް ވަޑައިގެންފަ އެވެ.

ޖެނެރަލް ކިމްގެ ރަސްމީ މަގާމަކީ ނޯތު ކޮރެއާގެ ވޯކާސް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ވައިސް ޗެއާމަން އެވެ. އޭނާ އަކީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުންގެ ވަރަށް އަރިސް ބޭފުޅެކެވެ. ނޯތު ކޮރެއާ އިން ދާދި ފަހުން ފެށި ޑިޕްލޮމެޓިކް މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ތަން ފެންނަނީ ވެސް ޖެނެރަލް ކިމް އެވެ.

ވިންޓަ އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތަށް ފެބްރުއަރީ މަހު ސައުތު ކޮރެއާ އަށް ދިޔަ ނޯތު ކޮރެއާގެ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވި ޖެނެރަލް ކިމް ވަނީ ރައީސް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ އެކު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. ކިމް ޖޮން-އުން ދާދި ފަހުން ޗައިނާ އަށް ކުރެއްވި ދެ ދަތުރުގައި ވެސް ޖެނެރަލް ކިމް ބައިވެރިވެވަޑައިގެންނެވި އެވެ.

އެންމެ ފަހުން އެމެރިކާ އަށް ދަތުރުކުރި ނޯތު ކޮރެއާގެ އިސް އޮފިޝަލަކީ ވައިސް މާޝަލް ޖޯ މިއޮން ރޮކް އެވެ. އޭނާ ވަނީ 2000 ވަނަ އަހަރު އެމެރިކާ އަށް ވަޑައިގެން ރައީސް ބިލް ކްލިންޓަނާ ބައްދަލު ކުރައްވައިފަ އެވެ.