މުސްލިމް މީހާ ހިމާޔަތް ކުރި އޮފިސަރަށް މަރުގެ އިންޒާރު

ނިއު ދިއްލީ (މެއި 31) - ހިންދޫންގެ ހަރުކަށި ގްރޫޕެއްގެ ކިބައިން މުސްލިމަކު ހިމާޔަތް ކުރި އިންޑިއާ ފުލުސް އޮފިސަރަކަށް މަރުގެ އިންޒާރު ދޭން ފަށައިފި އެވެ.


އުތުރުގެ އުއްތަރަކަންދު ސްޓޭޓުގެ އޮފިސަރެއް ކަމަށްވާ ގަގަންދީޕް ސިންގް އަށް ގިނަ ބަޔަކު ތައުރީފް ކުރަން ފެށީ ހިންދީ ގްރޫޕުގެ ހަމަލާތަކުން މުސްލިމް މީހާ ސަލާމަތް ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

ހިންދޫ ގްރޫޕުގެ މީހުން މުސްލިމް މީހާ ވަށާލައި ހަމަލާ ދޭން އުޅުނީ ހިންދޫ އަންހެނުންގެ ދީން ބަދަލު ކުރަން އެ މީހާ އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ. މުސްލިމް މީހާ ސަލާމަތް ކުރާ ވީޑިއޯ އާއްމުވުމާ އެކު ގިނަ ބަޔަކު ވަނީ ސިންގަށް ތައުރީފްކޮށް އެއީ ރޯލް މޮޑެލެއް ކަމަށް ބުނެފަ އެވެ.

"އަޅުގަނޑު އަދާކުރީ ވާޖިބު. އަޅުގަނޑު ޔުނިފޯމުގައި ނެތް ނަމަވެސް އެކަން ކުރީސް. އަދި އިންޑިއާގެ ކޮންމެ މީހަކު ނަމަވެސް އެއީ ކުރާނެ ކަމެއް،" ސިންގް ބުނެފައިވެ އެވެ.

އެކަމަކު ސިންގުގެ އެ ހިތްވަރަށް ހިންދޫންގެ ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. އޭނާއާ އެކު މަސައްކަތް ކުރާ ބައެއް އޮފިސަރުން ބުނީ ސިންގަށް މަރުގެ އިންޒާރު ދޭން ފަށާފައިވާ ކަމަށެވެ.

ހިންދޫންގެ ހަރުކަށި ބައެއް ފަރާތްތަކުން ދަނީ މުސްލިމް މީހާ އަށް ހަމަލާ ދޭން އުޅުނު ހިންދޫ ގްރޫޕް ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ.