ސިންގަޕޫރު ކައިރީ މެލޭޝިއާ އިން ރަށެއް ހަދަނީ

ކުއާލަ ލަމްޕޫރު (މެއި 31) - ސިންގަޕޫރު ކައިރީ މެލޭޝިއާ އިން ރަށެއް ހަދަން ބޭނުންވާ ކަމަށް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.


ސިންގަޕޫރާއި މެލޭޝިއާއާ ދެމެދު އޮންނަ ސަރަހައްދުގެ މިލްކުވެރިކަމާ މެދު ދެ ގައުމުން ވެސް ދޭތެރެ ދޭތެރެއިން މައްސަލަ ޖައްސަލަ އެވެ. މީގެ ކުރިން އެ މައްސަލަ ވަނީ އދ. އަށް ވެސް ގެންގޮސްފަ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2008 ވަނަ އަހަރު ނިންމާފައި ވަނީ ދެ ގައުމުގެ މެދުގައިވާ މިޑްލް ރޮކްސް އަކީ މެލޭޝިއާގެ ތަނެއް ކަމަށެވެ. އަދި ކައިރީގައިވާ އެހެން ރަށްތައް އެހީ ސިންގަޕޫރުގެ ތަންތަން ގޮތުގައި ކަނޑައަޅައިފައިވެ އެވެ. އެކަމަކު އެ ނިންމުމާ މެލޭޝިއާ އިން މިދިޔަ އަހަރު ދެކޮޅު ހަދާފައިވެ އެވެ. ސިންގަޕޫރުގެ ޚާރިޖީ ވުޒާރާ އިން މި ހަފުތާގައި ބުނެފައި ވަނީ މެލޭޝިއާގެ ޝަކުވާ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މަހާތިރު ވިދާޅުވީ ސިންގަޕޫރު ސްޓްރައިޓްސްގެ އިރަށް އޮންނަ މިޑްލް ރޮކްސްގައި މެލޭޝިއާ އިން ރަށެއް ތަރައްގީ ކުރަން ބޭނުންވާ ކަމަށެވެ. ގާތްގަނޑަކަށް 100 ކިލޯ މީޓަރު (60 މޭލު) ގެ ސިންގަޕޫރު ސްޓްރައިޓްސް އަކީ ދުނިޔޭގެ އެންމެ ބިޒީ ޝިޕިން ރޫޓެވެ.

މިޑްލް ރޮކްސްގައި ރަށެއް ހަދަން މެލޭޝިއާ އިން ބޭނުންވާ ކަމަށް މަހާތިރު ވިދާޅުވި އިރު ވަނީ ސިންގަޕޫރާ ދެމެދު އަޅާ ހައި ސްޕީޑް ރޭލް މަޝްރޫއު ކެންސަލް ކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.